ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހުކުމް އިއްވެވި ގާޒީ އަދީބަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ރޭ އަދީބުުގެ މައްޗަށް ހުުކުމް އިއްވައި ނިންމެވުމަށް ފަހު، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އަދީބަށް ނަސޭހަތްތެރިވެ ވަޑައިގެން ވިދާޅުވީ އަދީބު ކުރެއްވި ކަންތައްތަކަކީ މުޅި ދިވެހި ދައުލަތް ފަޟީހަތްވެގެން ދިޔަ ކަންތައްތަކެއް ކަމަށާއި އޭގެ ސަބަބުން ގެއްލުނީ އެންމެ މީހެއްގެ ހައްގެއް ނޫން ކަމަށެވެ. އެ ވާހަކަ ދެއްކެވީ އަދީބަށް ދެރަ ގޮތެއް އެދިވަޑައިގެން ނޫން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ޒުވާނަކަށް ވެ ހުންނަވައި ގައުމުގެ އެހާ ބޮޑު މަގާމެއް ލިބިވަޑައިގެންނެވި ގޮތް ހަނދުމަފުޅު ކުރައްވާ އަމަލު ކުރެއްވުނު ގޮތާ މެދު ވިސްނެވުމަށް ގާޒީ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި މަގާމުގައި ހުންނެވި ވަގުތު ކައިރީގައި ކިތަންމެ ގިނަ ބަޔަކު ތިބިނަމަވެސް މިއަދު އަދީބު ހުންނަވަން ޖެހިވަޑައިގަންނަވާނީ ގިނިކަންޏާ ކަމަށާއި އެ މީހަކާ މެދު އަޅާލަން ހުންނާނީ އެ މީހަކު އަމިއްލައަށް ކަން ވެސް ގާޒީ ހަނދާންކޮށް ދެއްވާ ވަނީ ނަސޭހަތް ދެއްވާފައެވެ.

މިއަދު އަޅާލާނެ އެއްވެސް ފަރާތެއް ނުހުންނާނެ. މިހެން މި ދެންނެވީ ނަފްސާ އަޅާލާނެ އެންމެ ފަރާތެއް ވާނީ. އެހެންވީމަ ނަފްސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދިވެހި ދައުލަތް ލަދުގަންނަ ފަދަ ކަމެއް، މުޅި ދުނިޔެއަށް ފަޟީހަތްވެގެން ދިޔަ ކަމެއް
ގާޒީ

މީގެ އިތުރުން ގާޒީ ވިދާޅުވީ ގެއްލިފައި ވަނީ އެންމެ މީހެއްގެ ހައްގެއް ނޫން ކަމަށާއި ގެއްލިފައި ވަނީ މުޅި މުޖުތަމައުގެ ހައްގު ކަމަށެވެ. އެގޮތުން ތައުބާވި ކަމަށް ވާނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ހަގީގަތް ދައުލަތަށް ހާމަ ކުރައްވައި، ގެއްލުނު ފައިސާ އަނބުރާ ހޯއްދަވައި ދެއްވުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަށް އިންސާފު ހޯދައިދެވޭނީ މި ފައިސާ ދިވެހި ދައުލަތަށް ލިބިގެން. އެހެންވީމަ އެ ވާހަކަ ދެންނެވީ
ގާޒީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ރޭގައެވެ. އަދީބަށް ރޭ އިއްވި ހުކުމާއެކު، ކުރި ޖޫރިމަނާ ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ޖެހޭނެއެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާތައް އަނބުރާ ދައްކަން ހުކުމުގައި އަންގާފައެއް ނުވެއެވެ. މިހާރު ގާނޫނުލްއުގޫބާތު އޮންނަ ގޮތުން އެ ފައިސާ ހޯދަން ޖެހޭނީ މަދަނީ ވަކި ދައުވާތަކަކުންނެވެ.

އަދީބުގެ މައްޗަށް ރޭ ހުކުމް ކޮށްފައި ވާއިރު، ކުރީގެ އަޑުއެހުމުގައި އަދީބު ވަނީ ދައުވާ އަށް އެއްބަސްވުމުގެ އިތުރުން އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން، ކުރެވުނު ކުށްތަކަށް ތައުބާވެފައިވާ ކަމަށް ވިދާޅުވެފައެވެ.