ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވިކަން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވުމަށްފަހު، ޖެހިގެން އައި 72 ގަޑިއެއްހާއިރު ހޮސްޕިޓަލުގައި ފަރުވާ ހޯއްދެއްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު، ވައިޓްހައުސްއަށް އަނބުރާ ވަޑައިގެން، ތުރުކުރައްވައިގެން ހުންނެވި މާސްކު ނަންގަވާ، އަނެއްކާވެސް އިތުރު ބަޔަކު ނުރައްކަލަށް ހުށަހަޅުއްވައިފިއެވެ.

ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި ފަރުވާ ހޯއްދެއްވުމަށްފަހު ޓްރަމްޕް ވަނީ، ވައިރަހުގެ ސަބަބުން އޭނާގެ ހަށިކޮޅުން ނުރައްކާ ދަރަޖައަކަށް އޮކްސިޖަން މަދުވެގެން ދިޔަ ކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، ކޮވިޑް-19 ދެކެ ބިރު ނުގަތުމަށާ، ކޮވިޑް-19އަކީ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ އެއްޗަކަށް ނުހެދުމަށްވެސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

ޓްރަމްޕަކީ ކޮވިޑް-19ގެ ބިރުވެރިކަމާ ސީރިއަސް ކަމީ މާ ބޮޑު ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށް ތަސްވީރު ކޮށްދެއްވަމުން ގެންދަވާ މަދު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެންމެ ނުފޫޒުގަދަ ލީޑަރެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި ވަނިކޮށްވެސް، ޓްރަމްޕް ވަނީ ކާރުކޮޅުގައި ނިކުމެވަޑައިގެން، ހޮސްޕިޓަލު ސަރަހައްދަށް ޖަމާވެފައިވާ ސަޕޯޓަރުންނަށް ހަނާ އަޅުއްވާ ހައްދާވާފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކާރު ބުރު ޖައްސަވަނީ/ފޮޓޯ: ބަޒްފީޑު

ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމުން ހެލިކޮޕްޓަރުގައި ވައިޓްހައުސްއަށް ވަޑައިގެން، ވައިޓްހައުސްގެ ބެލްކަނީއަށް އަރާ ވަޑައިގެން، މާސްކު ނެންގެވި މަންޒަރު ވަނީ އާންމު ވެފައެވެ. އެއަށްފަހު ޓްރަމްޕް ވަނީ ޕްރޮޕަގަންޑާ ވީޑީއޯއެއް އާންމު ކުރައްވާފައެވެ. އަދިވެސް ލީޑަރަކީ އޭނާ ކަމަށާ، އެފަދަ ގޮތަކަށް އެހެން އެއްވެސް ލީޑަރަކަށް އުޅުއްވަން ނުކުރޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ ޕްރޮގަންޑާ ވީޑިއޯގައި ދެއްކެވި ވާހަކަފުޅުތަކަށް ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. ކޮވިޑް-19އަށް ފަރުވާ ހޯއްދެއްވުމަށް ހޮސްޕިޓަލުގައި އޮންނެވިއިރު ޓްރަމްޕަކީ، ތަހުލީލީ މަރުހަލާގާއިވާ ފަރުވާތަކެއްވެސް ތަޖުރިބާކުރެއްވި، އަދި މިވަގުތުވެސް ކޮވިޑް-19ގެ ޕޭޝަންޓެއްގެ ގޮތުގައި ހުންނެވި ފަރާތެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި މިއީ މިފަދަ ހާލެއްގައި ހުންނެވި ބޭފުޅަކު އުޅުއްވައިގެން ވާނެ ގޮތެއް ނޫން ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓްހައުސް ބެލްކަންޏަށް އަރާވަޑައިގެން މާސްކު ނަންގަވަނީ / ފޮޓޯ: ދަ ކްރޮނިކަލް

މި ދަނޑިވަޅަކީ ވައިޓްހައުސްއާއި ޓްރަމްޕްގެ އަރިސް ބޭފުޅުންގެ ތެރޭގައިވެސް ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ވަގުތެކެވެ. ޓްރަމްޕްގެ ކްލަސްޓާއިން މިހާރު ޕޮޒިޓިވްވެފައި ވަނީ ކިތަށް ކޭސްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިއީ ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް އެންމެ ފޯރީގައި ޓްރަމްޕްގެ ކެމްޕޭންތައް ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ދުވަސްވަރެވެ. ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ދެކޮޅަށް ނިކުންނަވާނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.