ތާއީދު ގެއްލުވާލުމުގެ ގޮތުން ކޮށްފައިވާ ޓްވީޓާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ޕާޓީ އޮތީ ދިވެހި ސަރުކާރާއެކު ކަމަށް ޖޭޕީން ބުނެފިއެވެ.

ޖޭޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ކޮށްފައިވާ ޓްވީޓަކީ އެޕާޓީގެ ލީޑަރާ އެއްވެސް ގުޅުމެއް ހުރި ޓުވީޓެއް ނޫން ކަމަށާއި އެއީ އެޕާޓީގެ ލީޑަރުގެ ނަމުގައި ހަދައިގެން އުޅޭ ފޭކު އެކައުންޓެއް ކަމަށެވެ. އަދި އެޕާޓީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާ އެކުގައި ކަމަށްވެސް ޖޭޕީން ބުނެއެވެ.

ޖޭޕީން އެހެން ބުނެފައި ވާއިރު، ގާސިމްވެސް ވިދާޅުވެފައި ވަނީ އެ ޓްވީޓަކީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށާއި އޭނާ ވެސް އަދި ޖޭޕީ ވެސް އޮތީ ރައްޔިތުންނާއި ސަރުކާރާ އެކުގައި ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އޭނާ އަށާއި އަދި ޖޭޕީ އަށް އޮތް ތާއީދު ގެއްލުވާލުމުގެ ގޮތުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ޔާމީނާއެކު މަޝްވަރާ ކުރުމަށް އޭނާ ވެސް އަދި ޖޭޕީ ވެސް ތައްޔާރަށް އޮތް ކަމަށް ބުނެ ގާސިމްގެ ނަމުގައި ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ.

އެ ޓްވިޓްގައި ވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ މިއަދު ދިވެހި ގައުމު ލަދުވެތި ވާން ޖެހޭ ކަމެއް ކަމަށާއި ރައީސް ޔާމީނާއެކު މަޝްވަރާއަށް ދާން ޖޭޕީ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އިދިކޮލޫ ކޯލިޝަނާ ގުޅިގެން ގައުމު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށްވެސް އެ ޓްވީޓްގައި ވެއެވެ.

ގާސިމް މިހެން ވިދާޅުވެފައި ވާއިރު، ރައީސް ޔާމީން އާއެކު ގާސިމް ކޯލިޝަން ނުހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ ގާސިމް ހުންނަވާނީ ކޯލިޝަނުގެ ޕާޓްނަރެއްގެ ގޮތުގައި ކަމަށާއި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވެގެން ނުދާނެ ކަމަށާއި ކޯލިޝަން ޕާޓީތަށް ތިބޭނީ އެކީގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.