އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެ ހުކުމް ކޮށްފިއެވެ.

މިރޭ އޮތް އަވަސް ނިޔާގެ މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ވަކީލުގެ ހާޒިރުގައި ދައުވާތަކަށް އަދީބު އެއްބަސްވެ ވަޑައިިގެންފައި ވާތީ އަދީބުގެ އިއުތިރާފުން އެ ދައުވާތައް ސާބިތުވާ ކަމަށެވެ. ދައުލަތާއި އަދީބާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފައި ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް އަދީބު ވިދާޅުވެފައި ވާތީ އެ އެއްބަސްވުން ކޯޓުން ބަލައިގެންފައިވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އަދީބަށް މިރޭ އިއްވި ހުކުމާއެކު، ކުރި ޖޫރިމަނާ ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ޖެހޭނެއެވެ.

އަދީބަށް ކުރި ދައުވާ ތަކާއި ހުކުމްތައް:

  • ހިޔާނާތްތެރި ވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
  • ހިޔާނާތްތެރި ވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 24 ދުވަސް
  • މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުން: 6 މަސް ދުވަސް
  • މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުން: 1 މަހާއި 15 ދުވަސް
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުުން: 3 މަސް ދުވަސް
  • މަނީ ލޯންޑަރިން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށް ލުމާއެކު 1،000،000 (އެއް މިލިއަން) ރުފިޔާއިން ޖޫރިމާނާ
  • މަނީ ލޯންޑަރިން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 1،000،000 (އެއް މިލިއަން) ރުފިޔާއިން ޖޫރިމާނާ

އަދީބުގެ މައްޗަށް ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ 2 ދައުވާ ކުރީ އޭނާ ނައިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަދީބު އެންގެވި ފަރާތްތަކެއްގެ އެކައުންޓް ތަކަށް ޖަމާކޮށް، އެ ފައިސާ އަށް ޚިޔާނާތްތެރި ވެފައި ވާތީއެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދީބަށް ކުރީ ބިޑް ކުރުމެއް ނެތި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށް، ބަޔަކަށް ނުހައްގު ފައިދާތަކެއް ހޯދައި ދީފައި ވާތީއެވެ.

މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބެން ޖެހޭ 59 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެނގި ހުރެ އަދީބުގެ ބެލުމުގެ ދަށުގައި އެ ފައިސާ ބަހައްޓައި، އެ ފައިސާތައް ބޭނުން ކޮށްފައި ވާތީއެވެ.

މިއަދު އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކޮށްފައި ވާތީއެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރު ހިޔާނާތާ ގުޅިގެން އަދީބަށް މީގެ ކުރިން ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެއެވެ. ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމްތައް ބާތިލުކޮށް އޭނާ ހުރީ މިނިވަން ކޮށްފައެވެ.