ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އާ ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކުރުން މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެކެވެ.
އެ ހަތް ދައުވާއަށް، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އަދީބު އިއުތިރާފު ވެފައި ވާއިރު މިއަދު ހަވީރު 06:00 ގައި އަދީބުގެ މައްޗަށް ހުކުމް ކުރުމަށް ޝަރީއަތް ބާއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
އެ ކުށްތަކަށް ދައުލަތުން އަދީބާ އެއްބަސްވެފައި ވަނީ 20 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް، ހަ މަސް ދުވަހަށް ޖަލަށް ލުން، ތިން މަސް ދުވަހަށް ޖަލަށް ލުން، ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުން، އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން އަދި ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ. އަދި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.
އެ މައްސަލަތަކާ ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވި ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަ ކުރައްވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކަމަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށާއި މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފު ވެވަޑައިގެން ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ.