މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަކުރި މީހާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެމީހާއާ ދެތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މަސްތުގެ ހާލަތުގައި ގައި ހުރެ މާތްﷲ އަށް ނިސްބަތްކޮށް ބަދުބަސްބުނެ، އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔަ އިންޑިއާގެ ރައްޔިތަކު ހައްޔަރު ކުރި ނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި، އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ ދިވެހިރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫނެވެ.
އެބަޔާނުގައި އިތުރަށް ބުނީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ﷲ ސުބުހާނަހޫ ވަތައާލާ އަށާއި، ދީނަށް ފުރާސަރަ ކުރަމުން ގެންދަނިކޮށް ހައްޔަރު ކުރެވުނު މީހަކު ދޫކޮށްލުމުން، މިސަރުކާރުން ދީނަށް ކުރާ އިހްތިރާމާއި ދެމުން ގެންދާ އަހައްމިއްޔަތުގެ މިންވަރު ވަރަށް ސާފުކޮށް ހާމަވެގެންދާ ކަމަށެވެ. އަދި ސަރުކާރުގެ އެ އަމަލު އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
އެފަދަ މީހަކަށް، އެއީ ކޮންމެ ގައުމެއްގެ މީހަކު ކަމުގައިވީނަމަވެސް، މިނިވަންކަމާއެކު، މުޖުތަމައުގައި އާންމުންގެ ތެރޭގައި އުޅެވިގެންވާނެ ކަމަށް އެކޯލިޝަނުން ގަބޫލު ނުކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމައްސަލަ ބަލާ އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާ ތަންފީޒު ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.