ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ކޮންމެ ފިޔަވަޅެއްގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮންނަނީ އެންމެ އިލްތިމާސެކެވެ: އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް އާންމުން އެއްބާރުލުން ދިނުމެވެ. ނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް އޮތްއިރު، އާއްމުންގެ ގިނަ ބަޔަކު މިކަން ހަނދާން ނެތިއްޖެ އެވެ. މިހާރު ޕާޓީތަކާއި މަސްދަތުރުތައް ބޭއްވުން އާއްމެވެ. އެކަމަކު މިއީ އަދިވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ.

ކޮވިޑް-19 ފަދަ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކޮންޓްރޯލްކުރަން ކުރެވޭނެ އެންމެ ބޮޑު ކަމަކީ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމެވެ. ގިނަ މީހުން އެއްވެ އުޅޭތަންތަނަށް ވީހާވެސް މަދުން ދިއުމެވެ. ޒަރޫރީ ބޭނުމެއްނެތި ގިނަ ވަގުތު ބޭރުގައި ނޫޅުމެވެ.

އެކަމަކު ބަލިން އަރައިގަނެވޭ ކޮންމެ ދަނޑިވަޅެއްގައި އަހަރުމެންގެ ފަރާތުން ފެންނަފަރުވާކުޑަކޮށްލުމުގެ އަމަލުތަކެވެ. މަސްދަތުރާއި ޕާޓީތައް ބޭއްވުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ސިއްހީ މާހިރުން ލަފާދެ އެވެ. ރާއްޖެ އަށް ކޮވިޑް-19ގެ ދެ ވަނަ ރާޅެއް ވެސް ކުރިމަތިވީ ހަމަ މި ގޮތަށް ފަރުވާކުޑަކޮށްލުމުންނެވެ.

އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓްސް އަޅުގަނޑުމެންނަށް ފެނިފައި މިވަނީ އަދި އެއީ މިހާތަނަށް ފެނުނު ވަރު. އަދި އޭގެ އިތުރުން އެއީ ގާތްގަނޑަކަށް ބަލައިފިއްޔާ ދުވާލަކު 34 މީހުނާ މީހަކު ބައްދަލުވެފައި އިނީމާ، އަޅުގަނޑުމެން މިކުރާ ގައިދުރުކުރުމޭ މި ބުނާ ބުނުމަށް ކިހާ ވަރަކަށް އަމަލުކޮށްފައި ވޭތޯ ސުވާލު އުފެދޭ. ނުވާކަން މި އިނގެނީ ދެއްތޯ؟
ޑރ.އިބްރާހިމް އަފްޒަލް،

މިއީ ވައިރަސް ފެށުނުއިރުގެ ހާލަތެވެ. އެކަމުން އިބުރަތް ހާސިލްކޮށް ކަންތައްތައް ރަނގަޅުކޮށް ޕާޓީތަކާއި މަސްދަތުރު ފަދަ ގިނަ ބަޔަކު އެއްވެ އުޅޭގޮތަށް ހިންގާ ހަރަކާތްތައް ނުބާއްވަން ތަކުރާރުކޮށްއެޗްޕީއޭ އިން އެންގިއެވެ. އެކަމަކު ޕާޓީތައް ވީ އިތުރެވެ. މަސްދަތުރުތައް ވީ ގިނައެވެ. އަލުން ޕޮޒިޓިވް ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މަޖުބޫރުވީ އެ ސަބަބާ ހުރެއެވެ.

ހައްލަކީ ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިވެ ތިބުން

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކަށް ދާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ރާއްޖޭގައި އެފަދަ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.

އެހެން ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، މުޖުތަމައުގެ ތެރެއިން ފެންނަކަންކަމާމެދު އެޗްއީއޯސީގެ ތެރޭގައި ދަނީ މަޝްވަރާކުރަމުން، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުންވެސް ކޮންމެ ދުވަހަކު މަޝްވަރާކުރަން
ޑރ.އިބްރާހިމް އަފްޒަލ

ކޮވިޑް ހުއްޓުވުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައި އޮތީ، ހަރުކަށި އަދަބުތަކެއް ދިނުމަށް ވުރެ ބޮޑަށް ފަރުދީ ޒިންމާ އަދާކުރުމާ އެވެ. އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ނިއު ނޯމަލް އުސޫލުން ކަންތައްތައް ކުރުމަކީ ވެސް ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި އޮތް ވާޖިބެކެވެ. ޕާޓީތަކާއި އެއްވުންތައް ނުބާއްވަން ލަފާދީފައިވަނިކޮށް އެކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ލިބޭ މީހެއް އެކަން އެޗްޕީއޭ އަށް އަންގަން އާއްމުންގެ އެހީތެރިކަމަށް އެޗްޕީއޭ އިން އެދުނީ ވެސް އެންމެންގެ ރައްކަލަކަށްޓަކަ އެވެ. އެއީ ހަގީގަތުގައި، ބޭއްވޭ އެއްވުމެއްގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅޭތީއެވެ.

އާއްމުންގެ ސަޕޯޓް އަޅުގަނޑުމެން ބޭނުންވާނެ އެފަދަ ކަންކަން އަޅުގަނޑުމެންނަށް އެންގުމުގައި. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކިހާ އަދަދެއްގެ މީހުން އެބައުޅޭކަން ޕާޓީ ބާއްވާ، ބޮޑެތި ގެދަރިންސްތައް ބާއްވާ. އެކަންކަމަށް ބަލާފައި އަޅުގަނޑުމެންނަށް ފަސޭހަވާނެ އިތުރަށް ފިޔަވަޅެއް އަޅަން. އަދި ހަރުކަށިވާއިރުވެސް އަޅުގަނޑުމެންނަށް ބުނެވެން އޮންނާނެ މިހާތަނަށް މިގޮތަށް މިތައް ޕާޓީތަކާއި އެއްވުންތައް ބާއްވާފައިވެއޭ
ޑރ.އިބްރާހިމް އަފްޒަލ
އަޅުގަނޑުމެންނަށް ފެނޭ ޕާޓީތަކާއި މަސްދަތުރު ފަދަ އެއްވުންތައް ބާއްވާ މީހުންނަށް އެކަން ގޯސްކަން އެނގިހުރެ ވެސް އެކަން ކުރާތަން. ހަގީގަތުގައި ޕާޓީތަކާއި މަސްދަތުރުތައް ބާއްވާތީ ގެއްލުން މި ލިބެނީ ބާއްވާ މީހާއަކަށް ނޫން. އެތަނަށް ދާ ކޮންމެ މީހަކަށްވެސް ނުރައްކާ އެބައޮތް. މީގައި ބާއްވާ މީހާގެ ޒިންމާ އޭނާ އަދާނުކުރިޔަސް، އެތަނަށް ދާން ދައުވަތު ލިބޭ މީހާ އަށް ފަރުދީ ޒިންމާ އަދާކޮށް ގޭގައި މަޑުކޮށްލެވިދާނެ.
ޑރ.އިބްރާހިމް އަފްޒަލ

ޒަމާނަށް އަންނަ ބަދަލުތަކާ އެކު ދިވެހިންގެ އާދަކާދައިގެ ތެރެއަށް ޕާޓީ ބޭއްވުމާއި މަސްދަތުރު ދިއުން ފަދަ ހަރަކާތްތައް އޮތީ ވަދެފައެވެ. މިހާރު އެކަން އޮތީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމަކަށް ވެފައެވެ. ގިނަ ބަޔަކު އެކަމުގައި ބައިވެރިވެ އުޅެނީ ވެސް އާދަވެފައި ހުރުމުންނެވެ.

އެކަމަކު މި ވަގުތު އެންމެ މުހިއްމީ ތިމާގެ އަމިއްލަ ހަމަޖެހުން އެކަންޏެއް ނޫނެވެ. މި ވަގުތު މުހިއްމީ އެންމެންގެ ރައްކާތެރިކަމެވެ. ތިމާ އަށް ބަލީގެ ނުރައްކާ ކުރިމަތިވާއިރު، އެ ބަލި އެ ހުށަހެޅެނީ ގޭގައި އުޅޭ އާއިލާގެ އެހެން މެމްބަރުންނާ ވެސް އެކު އެވެ.

ޕާޓީތަކާއި މަސްދަތުރު ފަދަ މީހުން އެއްވެ އުޅޭ ގޮތަށް ހިންގާ ހަރަކާތްތައް މި ދަނޑިވަޅަށް"އޯކޭއެއް ނޫނެ"ވެ. "ނިއު ނޯމަލް"ގެ ތެރެއިން އަމިއްލަ ރައްކާތެރިކަމަށް މަޑުޖައްސާލަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ މި ފަދަ ތަންތަނަށް ދާން ލިބޭ ދައުވަތުތަކެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެނަމުގައި ދިވެހި މީޑިއާއިން އިސްނަގައިގެން ކުރިޔަށްގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.