ބްރޯޑްކާސްޓް ކުރުމަށާއި ރީބްރޯޑްކާސްޓު ކުރުމުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ލައިސަންސަށް އެދުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފިއެވެ.

ބްރޯޑްކޮމް އިން ބުނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ގެ 24 ވަނަ މާއްދާ އާއި ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އަދި "ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާއާ ގުޅޭ އުސޫލު" ގެ ދަށުން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރުމަށް ނިންމާފައިވާ ވަސީލަތްތަކަކީ ޓެރެސްޓްރިއަލް، ކޭބަލް ނެޓްވޯކް، ސެޓެލައިޓް، މޯބައިލް ނެޓްވޯކް، އިންޓަނެޓް، އަދި ކޮމިޝަނުން ފާސްކޮށްފައިވާ އެހެނިހެން މީޑިއަމްތަކެވެ.

ބްރޯޑްކޮމް އިން ބުނީ ލައިސަންސަށް އެދި ހުށަހަޅާ ފޯމް އެކޮމިޝަނުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އަދި އެފޯމު ކޮމިޝަނުގެ ރިސެޕްޝަންއިން ލިބެން ހުންނާނެ ކަމަށެވެ.

އެކޮމިޝަނުން ދޫކުރާ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްތައް އާ ފޯމެޓެއްގައި ދޫކުރުމަށާއި، މީގެކުރިން ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްތައް އާ ފޯމެޓަށް އެއްވެސް އަގަކާނުލައި މިއަދުން ފެށިގެން އެޕްރީލް 3، 2021 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ބްރޮޑްކޮމް އިން ދޫކޮށްފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްގެ އަސްލު ނުވަތަ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ގެއްލިފައި ނުވަތަ ހަލާކުވެފައި ވާނަމަ، އެކަން ބަޔާންކޮށް، ލައިސަންސް ލިބިފައިވާ ފަރާތުގެ ލިޔުމެއް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން އާ ފޯމެޓްގައި ލައިސަންސް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެ ކަމަށް ބްރޮޑްކޮމް އިން ވަނީ ބުނެފައެވެ.