ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށްބުނެ އެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފަޔާ ހިލާފަށް ކަން ހާމަވެއްޖެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރަށް ފޮނުވާފައިވާ ސީޓިއެއް "ދަ ޕްރެސް" އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއި ކޮޑށްފައިވާ އެއްބަސްވުމުގައި ގިނަ މައްސަލަތަކެއް ފާހަގަ ވެފައިވާ ކަމަށެވެ.

އެގޮތުން މައިގަނޑު 5 ކަމެއް ފާހަގަ ވެފައިވާ ކަމަށާއި އެ ކަންކަމުގެ ތެރޭގައި:

  1. ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއު (މެގަ ޕްރޮޖެކްޓް) އެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅާ ހަވާލު ކޮށްގެން މަޝްރޫއެއް ހިންގިދާނެ ކަމަށް ބަޔާން ކޮށްފައި ވާކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަންއާ އެ ޕްރޮޖެކްޓް ހަވާލު ކުރެވިފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާ އިޖުރާއަތާ އެއްގޮތަށްކަން އިސްލާމިކް މިނިސްޓްރީން އޭޖީ އޮފީހަށް ފޮނުއްވާފައިވާ ލިޔެކިޔުންތަކުން އެނގެން އޮތްކަން.
  2. އެ އެއްބަސްވުމަކީ 15 ޖޫން 2018 ގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ބަޔާން ކޮށްފައި ވީ ނަމަވެސް، އެއްބަސްވުމުގެ ބައިވެރިން ސޮއިކުރާތަނުގައި ލިޔެފައިވާ ތާރީހަކީ 9 ޖުލައި 2018 ކަމަށްވާތީ، އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ 9 ޖުލައި 2018 ގައި ކަން.
  3. މިސްކިތް ހަދާ އިމާރާތުގެ ކޮންސެޕްޓް ޑްރޯއިން ހުށަނާޅާ ކަމަށް ބުނެ ސިޓީއެއް ފޮނުވައިފައި ވުން.
  4. ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހިއްޖެ ނަމަ މިނިސްޓްރީއަށް އެ ހުއްދަ ބާތިލް ކުރުމުގެ ބާރާއި އިހުތިތާރު ލިބިގެންވާކަން.
  5. ދެފަރާތުން ވާހަކަ ދައްކައިގެން 30 ދުވަހުގެ ތެރޭގައި ހައްލު ނުވެއްޖެ ނަމަ ކޯޓަށް ހުށަހެޅުމުގެ ބާރު ދެ ފަރާތަށްވެސް ލިބިގެން ވާކަން.

ޕްލޭނިން ގަވައިދު ބުނާ ގޮތުން 100 ފޫޓަށް ވުރެ އުސް އަދި ސަރުކާރުގެ އިމާރާތެއް ހަދާ ނަމަ ކަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅައި، ފާސްވުމުން އިމާރާތް ކުރެވޭނީ ދީފައިވާ ކޮންސެޕްޓާ އެއްގޮތަށެވެ. މިސްކިތް އެޅުމަށް ހޭދަވާ 130 މިލިއަން ރުފިޔާގެ ތެރެއިން، ކުރީގެ ސަރުކާރުން ވަނީ، 30 މިލިއަން ރުފިޔާ އެކަމަށް ހޭދަ ކޮށްފައެވެ. އަދި މިސްކިތުގެ މަސައްކަތަށް ހޭދަވާ، ބާކީ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

ނަމަވެސް ޒިކުރާ މިސްކިތުގެ އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭ އިން ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އިސްލާމިކް މިނިސްޓަރު އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވި ސިޓީއެއްގައި ވަނީ މިސްކިތް ހަދާ އިމާރާތުގެ ކޮންސެޕްޓް ޑްރޯވިން ހުށައަޅާފައި ނުވާ ކަމަށް ބުނެފައިވާ ނަމަވެސް އެސްޖޭ އިން އެ ކޮންސެޕްޓް ޑްރޯވިން 12 އޮގަސްޓް 2018ގައި އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ލިޔުމެއް ވެސް "ދަ ޕްރެސް" އަށް ވަނީ ލިބިފައެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތަށް ކޮށްފައި ވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ އަހުމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޒިޔާދުގެ އިތުރުން އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދު ގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހިކުމެއް އަންނާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ، 2018 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.