ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް، އުމަރު އަލް-ރައްޒާޒު ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުފުޅުކުރައްވާ، ނޮވެމްބަރު މަހު އޮންނަ އާންމު އިންތިހާބުގެ ކަންކަން ބަލަހައްޓަވާ ދެއްވުމަށް ވަގުތީ ބޮޑުވަޒީރު ކަމުގައި އޭނާ ދެމި ހުންނެވުމަށް އުރުދުންގެ ޢަބްދުﷲ ރަސްގެފާނު ދެވަނަ، އަލް-ރައްޒާޒުގެ ކިބައިން އެދިވަޑައިގެންފިއެވެ.

އުރުދުންގެ ރަސްކަމުގެ ކޮއިލުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއީ 4 އަހަރުގެ ދައުރު ހަމަވުމުންނެވެ. އުރުދުންގެ ގާނޫނު ބުނާ ގޮތުގައި، ގާނޫނު ހަދާ މަޖިލީސް އުވާލާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރު އިސްތިއުފާ ދޭންޖެހެއެވެ.

މި ދަނޑިވަޅިވަޅަކީ، މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި، އުރުދުންގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ، ސަރުކާރަށް ފާޑުކިއުންތަކެއްވެސް އަމާޒުވަމުންދާ ދަނޑިވަޅެކެވެ. މިއާއެކު، އުރުދުންގެ ރަސްގެފާނު ވަނީ، މި ހައްސާސީ ވަގުތުގައި، އިތުރު އަޒުމާއި، ހިތްވަރާއެކު މަސައްކަތް ކޮށްދެއްވުމަށް، އިސްތިއުފާ ދެއްވި ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގެންފައެވެ.

އުރުދުންގެ ސަލާމަތީ ބާރުތަކުން މަގުތަކުގައި ފޯރިމަރަނީ/ފޮޓޯ: ޢަލީ ޔޫނުސް

އުރުދުން ދަރާފައިވާ ބޮޑު ދަރަނި ފިލުވުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެންގުމާއެކު އުރުދުންގައި ޓެކްސް ބޮޑުކުރުމާ ގުޅިގެން ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތައް ހުއްޓުމަކަށް ގެނައުމަށް، އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އަލް-ރައްޒާޒު އައްޔަން ކުރެވުނީ 2018 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުއެވެ. އެ މަގާމަށް އަލް-ރައްޒާޒު އައްޔަން ކުރެއްވީ އުރުދުންގެ ރަސްގެފާނެވެ.

އޮބްޒާވަރުން ބުނާ ގޮތުގައި ކުރިއަށް އޮތް އާންމު އިންތިހާބަކީ އިގުތިސޯދީ ތަކުލީފުތަކުގައި ގައިދުވެފައިވާ އުރުދުންގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިއްބައިދޭނެ އިންތިހާބަކަށް ވެދާނެއެވެ. ވަޒީފާ ނުލިބުމުގެ މައްސަލައާއި، އިންތިހާ ފަގީރުކަމުގެ މައްސަލަ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިންތިހާއަށް ގޮސްފައި ވާއިރު، މިއަހަރު ތެރޭގައި އުރުދުންގެ އިގުތިސޯދު، 6 ޕަސެންޓް ހީނަރުވެދާނެ ކަމަށް ލަފާކުރެވެއެވެ.

ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުން އަންނަ ސޫރިޔާގެ 650000 އަށް ވުރެ ގިނަ ރައްޔިތުން، ރެފިއުޖީންގެ ގޮތުގައި ހިޔާވަހިކަން ހޯދަމުން ދަނީ އުރުދުންގައި ކަމަށް ވާއިރު، އުރުދުންއަކީ ބޭރުގެ އެހީތަކަށްވެސް އިންތިހާއަށް ބަރޯސާވެފައިވާ ގައުމެއް ކަން ފާހަގަކުރަންޖެހެއެވެ.