ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައި ވާ ކަން، މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އިއުލާން ކުރެއްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މިހާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ސުވާލު އުފެދެނިވި އަޑުތަކެއް ފެންމަތި ވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ޓްރަމްޕަށް ފަރުވާ ދޭން ފަށާފައިވާއިރު، ޓްރަމްޕްގެ ހާއްސަ ފިޒީޝަން، ޑރ ޝޯން ކޮންލޭ ވިދާޅުވީ، ޓްރަމްޕްގެ ހާލުކޮޅު "ވަރަށް ރަނގަޅު" ކަމަށާ، އިތުރަށް އޮކްސިޖަން ދޭން ނުޖެހޭ ކަމަށެވެ. އަދި ހުމެއް ނެތި 24 ގަޑިއިރު ހޭދަވެފައި ވާކަމަށްވެސް ޑރ ކޮންލޭ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް ނަމަވެސް، ޑރ ކޮންލޭގެ ވާހަކަތަކަށްފަހު ދެން އިވުނީ، މިއާ ހިލާފު ވާހަކައެކެވެ. ވައިޓްހައުސްގެ ޗީފް އޮފް ސްޓާ، މާކް މެޑޯޒްގެ ވާހަކަތައް ތަފާތެވެ. އޭނާ ވަނީ ޓްރަމްޕްގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅު ކުރައްވާ، ލުއި ގޮތަކަށް ބަލި ފަސޭހަ ވެދާނެ ކަމުގެ ރާސްތާއެއް އަދި ފެންނަން ނެތްކަމުގެ ސިގުނަލެއް ދެއްވާފައެވެ.

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯޒް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: އެލެކްސް ބްރޭންޑަން

މެޑޯޒް ވިދާޅުވީ ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާ، ކުރިއަށް އޮތް 48 ގަޑިއިރަކީ 'ކުރިޓިކަލް' ވަގުތުތަކެއް ކަމަށެވެ.

އުމުރުފުޅުން 74 އަހަރުގެ ޓްރަމްޕަކީ، ހަށިގަނޑުގެ އިސްކޮޅާއި ރޫފައަށް ބަލާއިރު އޮބީސް، ނުވަތަ އާދަޔާ ހިލާފަށް ފަލަށް ކަމަށް ބަލާ ގިންތީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިކަންކަމަށް ރިއާޔަތް ކުރާއިރު، ޓްރަމްޕް ހިމެނިވަޑައިގަންނަވަނީ، ކޮވިޑް-19 ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބަލާ، ހައި-ރިސްކު ކެޓަގަރީގައިކަންވެސް ފާހަގަކުރަންޖެހެއެވެ.

މި ދަނޑިވަޅަކީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި، ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް އެންމެ ފޯރީގައި ޓްރަމްޕް ކެމްޕޭން ކުރައްވަން ރާއްވަވާފައިވާ ދަނޑިވަޅު ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތައް، ޓްރަމްޕް ހޭދަ ކުރައްވާނީ އަސްކަރީ ހޮސްޕިޓަލުގައި ކަމަށް ޚަބަރު ލިބެއެވެ.

ހޮސްޕިޓަލުގައި ޓްރަމްޕަށް ދެމުންދާ ފަރުވާތަކަށް ބަލާއިރު، ތަހުލީލީ މަރުހަލާގާއި ވާ ކޮކްޓެއިލް އިންޖެކްޝަނެއްގެ އިތުރުން އެންޓިވައިރަލް ބޭހެއް ކަމަށްވާ ރެމްޑެސެވިއާ ފާހަގަ ކުރެވެއެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: ސީއެންއެން

ޓްރަމްޕާއެކު އަނބިކަނބަކުން މްލޭނިއާ ޓްރަމްޕްވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ވައިޓްހައުސްގައި އައިސޮލޭޓް ވެވަޑައިގެން އިންނެވި މްލޭނިއާގެ ހާލުކޮޅު ރަނގަޅު ކަމަށް ޚަބަރު ލިބެއެވެ.

މިވަގުތަކީ ވައިޓްހައުސްއަށް ހައްސާސީ ވަގުތެކެވެ. ޓްރަމްޕްގެ އަރިސް ގިނަ ބޭފުޅުންތަކެއް ދަނީ ކޮވިޑް-19އަށް ޕޮޒިޓިވްވަމުންނެވެ. އޭގެ ތެރޭގައި، އެންމެ ފުރަތަމަ އަލާމާތްތައް ފެންނަން ފެށި ހާއްސަ މުޝީރު ހޯޕް ހިކްސް، ކެމްޕޭން މެނޭޖަރު ބިލް ސްޓެޕިއެން، ވައިޓްހައުސްގެ ކުރީގެ ކައުންސެލާ ކެލީއޭން ކޮންވޭ ހިމެނިވަޑައިގަންނަވއެވެ.

ގާނޫނު ހަދާ މަޖިލީހުންވެސް މެމްބަރުންތަކެއް ޕޮޒިޓިވްވެފައި ވާއިރު، ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކޯނެލް ވަނީ، އޮކްޓޯބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ސެނެޓްގެ ބައްދަލުވުންތައް ފަސްކުރައްވާފައެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް، ޖުޑީޝަރީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ސެނެޓްގެ މެޖޯރިޓީ ލީޑަރު ވަނީ ހާމަކުރައްވާފައެވެ.