2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރެކޯޑް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި 100000 މީހުންގެ ފުރާނަ ގެއްލިދިޔަ ކަމަށް ރެކޯޑް ކުރި 3 ވަނަ ގައުމަކަށް، އަވަށްޓެރި އިންޑިއާ ވެއްޖެއެވެ.

ކޮވިޑް-19ގެ މަރުގެ ކޭސްތަކަށް ބަލާއިރު، އިންޑިއާގެ ކުރިއަށް ލިސްޓުގައި އޮތީ 145431 މަރުގެ ކޭސް ރެކޯޑް ކޮށްފައި ވާ ބްރެޒިލްއާއި، 213543 ކޭސް ރެކޯޑް ކޮށްފައި ވާ އެމެރިކާއެވެ.

ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100875 އަށް އަރާފައެވެ.

ކޮވިޑް-19ގައި މީހުން މަރުވި ގޮތަށް ބަލާއިރު، ޖޫން މަހަކީ އިންޑިއާއަށް އެންމެ އަނދިރި އެއް މަހެވެ. ކޮވިޑް-19ގައި އިންޑިއާއިން މީހުން މަރުވި ނިސްބަތް ޖޫން މަހު ވަނީ 3.4 ޕަސެންޓަށް އުފުލިފައެވެ. ނަމަވެސް ބަލީގައި މީހުން މަރުވާ ނިސްބަތް ކޮންޓްރޯލް ވަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު، ކޮވިޑް-19ގައި މަރުވި މީހުންގެ 3 ބައިކުޅަ 2 ބައި ހިއްސާ ކުރަނީ 5 ސްޓޭޓަކުންވެ. އެއީ މަހަރާޝްތްރާ، ޓެމިލް ނާޑޫ، ކަރްނާޓަކާ، އަންދްރަޕްރަދޭޝް އަދި އުއްތަރަޕްރަދޭޝްއެވެ. މީގެ ތެރެއިން ވެސް ރެކޯޑް އަދަދަކަށް މަރުގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ މަހާރާޝްތްރާ އިންނެވެ. މަހާރާޝްތްރާ އިން 37056 މަރުގެ ކޭސް ރެކޯޑް ކޮށްފައި ވާއިރު، ދެން ހުރި ސްޓޭޓް ތަކުން މަރުގެ ކޭސް ރެކޯޑް ކޮށްފައި ވަނީ 10000 އަށްވުރެ ދަށުންނެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވި މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން 10000 މަރުގެ ކޭސް ރެކޯޑް ކުރުމަށް 96 ދުވަސް ފާއިތުވިއެވެ. އިންޑިއާއިން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 100000 އަށް އަރާފައި މިވަނީ، މި ބަލީގައި 90000 މީހުން މަރުވިތާ އެންމެ 9 ދުވަހުގެ ތެރޭގައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6473544 އަށް އަރާފައި ވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 2561950 ކޭހެއް ވަނީ ރެކޯޑް ކޮށްފައެވެ.