އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭންގެ ހިދުމަތް ފަށައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ސޮއިކޮށްފައެވެ.

އެރަސްމިއްޔާތުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލާއި މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭންގެ ހިދުމަތް ފަށަން ވަޑައިގެންނެވި ސަރުކާރުގެ ވަފްދު

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ގަވައިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައވެެ.

އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް، ވަކިން ހާއްސަ ގޮތެއްގައި އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީގެ އިގްތިސާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ދެކޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ވަރަށް ބޮޑު ބާރަކަށް އެކަން ވެގެން ދާނެ ކަމަށާއި އަދި އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅާ ދޭތެރޭގައި ރައްޔިތުން ދަތުރުފަތުރު ކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

އޭގެ އިތުރުން މިކަން ކަމަކީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި ވާ ގޮންޖެހުންތަކުން އަރައިގަނެ، އިގްތިސާދު އާރާސްތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.