ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް އަބްދުލް ގަފޫރު ގެއަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އަދީބު ގެއަށް ބަދަލު ކޮށްފައި ވަނީ ބަލި ހާލަތު ހުރި ގޮތުން، ކޯޓުގެ ހުއްދައާއެކު ކަމަށެވެ. އެކަމާ ގުޅޭގޮތުން ކަރެކްޝަނުން އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެކެވެ.
އެ ހަތް ދައުވާއަށް ވެސް އަދީބު ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިއުތިރާފުވެފައިވާއިރު އެ މައްސަލަތަކާ ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވި ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަ ކުރައްވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެކަންކަމަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށާއި މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފު ވެވަޑައިގެން ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ.