ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު، އިންޑިއާގެ އުއްތަރަޕްރަދޭޝް ސްޓޭޓްގެ ހަތުރާސް ޑިސްޓްރިކްޓްގައި، ގޭންގެ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނި 19 އަހަރުގެ ޒުވާން އަންހެން ކުއްޖާގެ މައްސަލާގައި ޕޮލީސް ސުޕްރިންޓެންޑެންޓްއާއި، އިތުރު 3 އޮފިސަރަކު ސަސްޕެންޑްކޮށް، އެކުއްޖާ ނިސްބަތްވާ އަވަށަށް ނުވަދެވޭ ގޮތަށް އޮތް އޮތުން، 2 ވަނަ ދުވަހަކަށް ދަންމާލައިފިއެވެ.

ގޭންގް ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނި ކުއްޖާ ވަނީ، 2 ހަފުތާއެއްހާ ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް، މަރުވެފައެވެ. އޭނާ މަރުވީ، ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ހަތުރާސް ސްޓޭޓުގައި ރޭޕްކުރި 19 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން މުޒާހަރާކުރަނީ/ފޮޓޯ: ދަ ގާޑިއަން

ޗީފް މިނިސްޓަރު އަދިތްޔަނާތުގެ އަމުރަކަށް، ސަސްޕެންޑްކޮށްފައި ވަނީ ހަތުރާސްގެ ޕޮލީސް ސުޕްރިންޓެންޑެންޓް ވިކްރާންތު ވީރާއި، ހާދިސާ ހިނގި ވަގުތު ޗަންދާ ޕޮލީސް ސްޓޭޝަންގައި ތިބި 3 އޮފިސަރެކެވެ.

މައްސަލަ ބަލަމުންދާ ހާއްސަ ތަހުގީގު ޓީމުން ވަނީ، މި ކޭހުގައި ޝާމިލުވާ ހުރިހާ އެންމެންގެ ޑްރަގް ޓެސްޓު ހެދުމަށާ، ޕޮލީގްރާފް (ދޮގު/ތެދު ވަޒަން ކުރާ) ޓެސްޓު ހެދުމަށް ލަފާ ދީފައެވެ.

ހަތުރާސް ރޭޕް ކޭހުގެ ގޮތުގައި އިންޑިއާގެ މީޑިއާ ނަން ދީފައިވާ މި މައްސަލައަކީ، ރޭޕް ކޭހެއް ނޫންކަމަށް ސާބިތުކޮށްދިނުމަށް އިންޑިއާ ފުލުހުން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.