ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ދައުވާތަކަށް އިއުތިރާފު ވުމަކީ ވަކި ބަޔަކު ހިމާޔަތް ކުރުމަށް ހެދި ޑީލަކަށް ވެދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ދިން މީހުންނާއި ހަވާލުވި މީހުންގެ އިތުރުން ބޭންކް މެދުވެރިކޮށް ފޮނުވި ފަރާތްތަކުގެ ސައްހަ ލިސްޓް ހެއްކާ އެކު ހާމަ ނުކުރާހާ ހިނދަކު ރައްޔިތުންނަށް އިތުބާރު ނުކުރެވޭނެ ކަމަށާއި އެކަން އޮޅުވާލަފާނެ ކަމުގެ ބިރު ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.
އެގޮތުން އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް ވެފައިވާ އިއުތިރާފަކީ ބަޔަކު ހިމާޔަތް ކުރުމަށް ހެދި އެއްބަސްވުމަކަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ހަތް ދައުވާއަށް އަދީބު އިއްޔެ އިއުތިރާފް ވެވަޑައިގެން އެކަމަށް ދައުލަތާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން އޭނާ ވިދާޅުވެފައި ވަނީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް އެ ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާއި ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށްވެސް އެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ އެމްއެމްޕީއާރްސީގެ ތެރެއިން ލިބޭ ފައިސާ ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަށް ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށާއި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރެއްވި ކަމަަށްވެސް އަދީބު ވިދާޅުވިއެވެ.
ނަމަވެސް ސިޔާސީ ޕާޓީތަކާއި ސިޔާސީ ދާއިރާގެ އިސް ފަރާތްތަކުން އަންނަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.