އިންޑިއާގެ އުއްތަރަޕްރަދޭޝް ސްޓޭޓްގެ ހަތުރާސް ޑިސްޓްރިކްޓްގައި ރޭޕްގެ ޝިކާރައަކަށް ވެގެން މަރުވި ކަމަށް ބުނާ 19 އަހަރުގެ ޒުވާނާގެ ކޭސްއާ ގުޅިގެން، އިންޑިއާގެ ފުލުހުން ތަފާތު ގޮތަކަށް ވާހަކަ ދައްކަން ފަށައިފިއެވެ.

ރޭޕްގެ ޝިކާރައަކަށް ވި 19 އަހަރުގެ ޒުވާން އަންހެން މީހާ މަރުވީ ސީރިއަސް ޒަހަމް ތަކަކަށް، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ މައްސަލާގައި 4 މީހަކު ހައްޔަރު ކޮށްފައިވެސް ވެއެވެ.

ކަން މިހެން އޮތް ނަމަވެސް، އިންޑިއާގެ އެޑިޝަނަލް ޑައިރެކްޓާ ޖެނެރަލް ކުމާރު ވަނީ، ސިމެން (މަނި) ގެ އެއްވެސް އަސަރެއް ނުވަތަ ނިޝާނެއް ފޮރެންސިކް ރިޕޯޓުން ދައްކާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނާ މަރުވީ، ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުން ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ކުމާރު އިތުރަށް ވިދާޅުވީ އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ފުރަތަމަ މައްސަލަ ހުށަހެޅިއިރުވެސް ރޭޕްގެ ވާހަކަ ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ފާހަގަ ކުރަން ޖެހޭ ކަމަކީ، ހޮސްޕިޓަލުގައި އޮވެ، މެޖިސްޓްރޭޓެއްގެ ހާޒިރުގައި، ފުލުހުންނަށް ޒުވާނާ ބަޔާން ދިން އިރު، ބަޔަކު ގޭންގު ހަދައިގެން އޭނާ ރޭޕް ކުރި ކަމަށް ބުނެފައި ވާ ކަމެވެ. ރޭޕްގެ ޝިކާރައަކަށް ވެ މަރުވުމުގެ ކުރިން، އެފަދަ ފަރާތްތަކުން ދޭ ބަޔާނަކީ އިންޑިއާގެ ކޯޓުތަކުން ހެކީގެ ގޮތުގައި ބަލައިގަންނަ ބަޔާނެކެވެ.

ގޭންގް ރޭޕްގެ ތުހުމަތު އަމާޒު ވަނީ ފަންތީގެ ފަރަގު އިންތިހާއަށް އޮންނަ އިންޑިއާގެ މަތީ ފަންތީގެ ބަޔަކަށް ކަމަށް ވެފައި، އަނިޔާ ލިބުނު ޒުވާނާއަކީ އެންމެ ދަށް ފަންތީގައި ގިންތި ކުރެވޭ ޒުވާނެއް ކަމުން، މިއީ މިފަދަ "ހަސަދަގަނޑެއް ކައްކަން" ކުރާ ކަމެއް ކަމަށްވެސް ކުމާރު ވަނީ ތުހުމަތު ކުރައްވާފައެވެ.

މަނީގެ އަސަރު ނެތުމުން ރޭޕް ނުކުރާ ކަމަށް ނިންމުމުގެ ރޫހެއް ފުލުހުން ގެންގުޅުނު ކަމުގައި ވީ ނަމަވެސް، ރޭޕް ކުރުމާ ދެކޮޅަށް އިންޑިއާގައި އެކުލަވާލާފައިވާ ގާނޫނުން ބުނަނީ އެހެން ވާހަކައެކެވެ. އެގޮތުން ގަދަކަމުން ޖިންސީ ގުޅުން ހިންގިދާނެ އެތައް ގޮތެއް އެ ގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ. އަދި ދަރިފަނީގެ އަސަރު ނެތުމަކީ ރޭޕް ނޫން ކަމަށް ކަނޑަނޭޅޭނެ ކަމަށާއި، ޖިސްމާނީ ގޮތުން ދެކޮޅު ހެދި ކަމުގެ ހެއްކެއް ފެންނަން ނެތުމަކީވެސް ރޭޕް ނޫން ކަމުގައި ކަނޑަނޭޅޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

ގާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިއީ އިންޑިއާގެ ބައެއް ފުލުހުން އަދިވެސް ގާނޫނަށް އަހުލުވެރި ނުވާތީ ވެދާނެ ކަމަށް ބެލެވޭ ގޮތެކެވެ. ނަމަވެސް، އިންޑިއާއިން ރޭޕް އާ ދެކޮޅަށް ގާނޫނު ފާސްކުރިތާ މިހާރު 7 އަހަރު ވެއްޖެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އޮޅުން އަރާ ގޮތަށް ފުލުހުން ވާހަކަ ދައްކަނީ މީޑިއާގެ ނުވަތަ ސަރުކާރުގެ ނުފޫޒާއި ޕްރެޝަރާ ހެދިއެވެ.

ކަން މިހެން އޮތް އިރު، ހަތުރާސް ރޭޕް ކޭހާ ގުޅިގެން ނެގި ފޮރެންސިކް ސާމްޕަލްތަކާ މެދު ޑޮކްޓަރުންވެސް ސުވާލު އުފައްދައެވެ. ހާދިސާ ހިނގީ ސެޕްޓެމްބަރު 14 ވަނަ ދުވަހު ކަމަށް ބުނާއިރު، ރޭޕްގެ ޝިކާރައަކަށް ވެފައި ވާކަމަށް ޒުވާނާ ބަޔާން ދިނީ އޭގެ 8 ދުވަސް ފަހުންނެވެ. ޒުވާނާގެ ޖިންސީ ގުނަވަނުން ސާމްޕަލް ނަގާ، ފޮރެންސިކް ލެބޯޓްރީއަށް ފޮނުވާފައި ވަނީ، ހާދިސާ ހިނގިތާ 11 ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކަމަށް ދައުވާ ކުރާ ފަރާތްތަކުން މައުލޫމާތު އެއްކުރުމާ ބެހޭ ގޮތުން އިންޑިއާގައި އަމަލުކުރާ ޕްރޮޓޮކޯލް އަށް ބަލާއިރު، އަނިޔާ ލިބުނުތާ 4 ދުވަހުގެ ތެރޭގައި ކުރާ ރިޕޯޓްތަކާ ގުޅިގެން ސާމްޕަލް ނަގަން ޖެހެއެވެ. 3 ވަނަ ދުވަހަށް ފަހު ނަގާ ސާމްޕަލް ތަކުގައި، ހެކި ނެތިފައި ވުމުގެ ފުރުސަތު އިންތިހާއަށް ނެތް ކަމަށް މި ގަވައިދުގައި ބަޔާން ކޮށްފައި ވެއެވެ.