ސިޔާސީ ނުތަނަވަސްކަން އުފެދިފައިވާ އީރާނުގެ ވައިގެ ސަރަހައްދުން ދަތުރު ކުރި ކަމަށްޓަކައި، އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން، 400000 ޑޮލަރުން، އެމިރޭޓްސް އެއާލައިން ޖޫރިމަނާ ކޮށްފިއެވެ.

ކުރިއަށް އަހަރެއްހާ ދުވަހު، އެމިރޭޓްސްއިން މިފަދަ، "ގަވައިދާ ހިލާފު" ކަމެއް ނުކޮށްފިނަމަ، މި ޖޫރިމަނާގެ ދެބައިކުޅަ އެއްބައި މައާފު ކުރެވޭނެ ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، އެމެރިކާގެ ފްލައިތްތައް އުދުހިފައިވަނީ އެމެރިކާގައި ގާއިމުކޮށްފައިވާ ޖެޓްބްލޫގެ ކޯޑު ބޭނުންކޮށްގެން ކަމަށެވެ. އެ ފްލައިޓްތަކީ ޖެޓްބްލޫގެ ފްލައިޓެއްކަން އަންގައިދޭ ކޯޑު ވިއްކުމުގެ ބާރު، ޖެޓްބްލޫއަށް ލިބިގެންވެއެވެ.

ކަން މިހެން އޮތުމުން، އީރާނު، އަރަބި ގަލްފު އަދި އޮމާން ގަލްފު ސަރަހައްދުން އެމެރިކާގެ ފްލައިޓްތައް ދަތުރު ކުރުން މަނާކޮށްފައި އޮންނަ އޮތުމާ ދެކޮޅަށް ހިލާފު ވީ ކަމުގައި ބެލުމުގެ ފުރުސަތު ތަނަވަސްވެއެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމާއެކު އެމެރިކާއާއި ދެކޮޅަށް މުޒާހަރާކުރަނީ/ފޮޓޯ: ނަޒާނިން ތަބަތަބާއީ

އީރާޏުގެ ވައިގެ ސަރަހައްދުން އެމެރިކާގެ ފްލައިޓްތައް ދުއްވުން މަނާ ކުރީ، ގަލްފް އޮފް އޮމާން ސަރަހައްދުގައި ހަރަކާތްތެރިވި އެމެރިކާގެ ސާވޭލަންސް ޑްރޯންއަކަށް އީރާނުން ހަމަލާދީ، ވައްޓާލި ހާދިސާއާ ގުޅިގެންނެވެ. ދުވަސްވަރަކީ އެމެރިކާއާއި ޒަމާންވީ ހަތުރު- އީރާނާ ދެމެދު އިންތިހާއަށް ނުތަނަވަސްކަން އުފެދިފައި އޮތް ދަނޑިވަޅެއް ކަމުން، އެމެރިކާގެ އާންމު ރައްޔިތުން އުފުލާ ފްލައިޓްތައް، އެސަރަހައްދުން ދަތުރު ކުރުމަކީ އެންމެ ރައްކާތެރު ކަމެއް ކަމުގައި ނުފެންނަ ކަމަށް އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އޮތޯރިޓީއިން ނިންމިއެވެ.

މިފަދަ ނިންމުމެއް ނިންމާފައި ވަނިކޮށް، އެމެރިކާގެ ޖެޓްބްލޫގެ ކޯޑުގައި އެމެރިރޭޓްސްއިން އީރާނުގެ ވައިގެ ސަރަހައްދު ހުރަސްކޮށްފައިވާތީ އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ފިޔަވަޅު އެޅީ، 2019 ވަނަ އަހަރުގެ ޖުލައި މަހު، 19 ދުވަހެއްގެ މަތިން އެޅި ދަތުރުތަކަށް ރިއާޔަތް ކޮށް ކަމަށް، ޚަބަރު ލިބެއެވެ.

މިކަމާ ގުޅިގެން އެމިރޭޓްސް އިން ބުނީ، މި ކަމަކީ ތަންފީޒި ފިޔަވަޅަކަށް ވާންޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާ، ނަމަވެސް، ޖޫރިމަނާއަށް އެއްބަސްވީ ހައްލެއް ހޯދަން ބޭނުންވާތީކަމަށެވެ.

އެމިރޭޓްސްއިން ބުނީ އެފްއޭއޭގެ އޯޑަރު ނެރެމުން، އީރާނުގެ ވައިގެ ސަރަހައްދުން ދުވާލަކު 2 ފްލައިޓް ނޫނީ އޮޕަރޭޓް ކޮށްފައި ނުވާނެ ކަމަށާ، ނަމަވެސް، އެމެރިކާއަށް އައިސް-ގޮސް ވާ ފްލައިޓްތައް އީރާނުގެ ވައިގެ ސަރަހައްދުން އަލުން އޮޕަރޭޓް ކުރަން ފެށިއިރުވެސް ޖެޓްބްލޫގެ ކޯޑުގައި އޮޕަރޭޓް ކުރެވުނީ ކަމަށެވެ.

އެމިރޭޓްސްއިން ބުނީ މި މައްސަލަ މިހާރު ހައްލު ކޮށްފައި ވާ ކަމަށާ، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ.

އެމިރޭޓްސް އަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދައުލަތުން ކޮންޓްރޯލް ކުރާ އެއާލައިންއެކެވެ.