ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، އެތަނުން ދެމުންދާ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމާ ގުޅޭ އިދާރާތަކުގެ ފަރާތްތަކާ މަޝްވަރާ ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ، ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ދެވޭ ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކޮށް، ފަރުވާ ހޯދުމަށް މާލެ ސަރަޙަހައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ސިއްހީ ހިދުމަތްތައް ފުޅާކުރުން ކަމުގައި ވިދާޅުވެފައެވެ. އަދި، ކޮވިޑް-19 ގެ ހާލަތުގައި ވެސް، ލާމަރުކަޒީ އުސޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެހެން މިނިސްޓްރީ އޮފް ހެލްތާއި ކަމާ ގުޅޭ އެހެން އިދާރާތަކުން މަސައްކަތް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އޭގެ އިތުރުން ސިއްހީ ހިދުމަތްތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވެފައި ވާކަން ފާހަގަ ކުރައްވައި، އެއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުން ދާކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. އަދި، އެ ތަނުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވޭނެ ގޮތަކަށް ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ މުހިންމުކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ފާހަގަ ކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އިންސާނީ ވަސީލަތްތައް ހޯދުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި އެ ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ހިއްސާ ކުރައްވައިފައި ވެއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ފަރާތްތަކާއި، އާސަންދަ އަދި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ އިސްވެރިންނާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސާއި އަދި ރައީސް އޮފީހުގެ ބައެއް އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.