އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަމުން ދިޔަ ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކި އެއް ބަޔަކީ އަދާލަތް ޕާޓީ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަދާލަތުން ބުނީ އެ ޕާޓީއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަމުން ދިޔަ ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދައްކައި އެކަމާ ފާޅުގައި ދެކޮޅު ހެދި ޕާޓީ ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގަވަމުން ގެންދެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ، އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެމެ، އެންމެ ފުރަތަމަ ދެއްކީ ވެސް އެ ޕާޓީން ކަމަށެވެ.
އެގޮތުން އަދާލަތު ޕާޓީގެ އެންމެހާ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ އެ ހިޔާނާތުގެ ތެރެއިން ހޯދިކަމަށް ތުހުމަތުކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާ އެ ޕާޓީ އިން ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަން ކަމުގައި ބުނެއެވެ.
އަދާލަތު ޕާޓީން އެހެން ބުނެފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އިން މަންފާ ނުލިބޭ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށް ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ހަތް ދައުވާއަށް އަދީބު އިއްޔެ އިއުތިރާފް ވެވަޑައިގެން އެކަމަށް ދައުލަތާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން އޭނާ ވިދާޅުވެފައި ވަނީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް އެ ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާއި ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށްވެސް އެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ އެމްއެމްޕީއާރްސީގެ ތެރެއިން ލިބޭ ފައިސާ ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަށް ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށާއި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރެއްވި ކަމަަށްވެސް އަދީބު ވިދާޅުވިއެވެ.