ގާތްގަނޑަކަށް 30 އަހަރު. 850 ހެކިން. 7000 އަށް ވުރެ ގިނަ ލިޔެކިއުމާއި، ފޮޓޯ އަދި ވީޑީއޯ ޓޭޕް... ނަމަވެސް، މީލާދީން 16 ވަނަ ގަރުނުގައި، އަޔޯދާގައި އިމާރާތްކުރި މިސްކިތަކަށް ހިންދޫ ގޭންގްސްޓާރުންސުން ހަމަލާ ދީ، ސުންނާފަތިކޮށްލި މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އިންޑިއާގެ ކޯޓަކުން މިވަނީ ނިންމާފައެވެ.
މި ދައްކަނީ ބާބްރީ މިސްކިތުގެ ވާހަކައެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން 32 މީހަކު މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރުގެ ނައިބު އެލްކޭ އަދްވާނީއާއި، އިންޑިއާގައި މިހާރު ވެރިކަން ކުރަމުން ގެންދާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ އެތައް ލީޑަރުންނެއް ހިމެނެއެވެ. ބުދަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުން ވަނީ، 1992 ވަނަ އަހަރު މިސްކިތް ސުންނާފަތި ކޮށްލި ކަމުގެ ކުށް މިމީހުންގެ މައްޗަށް ސާބިތުވާން ނެތް ކަމަށް ނިންމާފައެވެ. އަދި އެ ހަމަލާތަކަކީ ދުރާލާ ރާވައިގެން ދިން ހަމަލާތަކެއް ނޫން ކަމަށާ، އެކަން ހިންގި ބަޔަކު ނުހޯދޭ ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.
ކޯޓުގެ ވާހަކަ މިފަދަ ރޫހެއްގައި ހުރި ނަމަވެސް، މިއީ ހަގީގަތް ނޫން ކަމަށް ހެކި ދޭނެ ކިތަންމެ ބަޔަކު އެބަތިއްބެވެ. މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދިނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. އެއީ ދުރާލާ އެކަމަށް ފަރިތަކުރުން ހޯދައިގެން ހިންގި ޖަރީމާއެކެވެ. މި ނޭއްގާނީ އަމަލު ހިންގީ، އެތައް ހާސް ބައެއްގެ ކުރި މަތީގައެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ، މިއީ ރާވައިގެން ހިންގި އަމަލެއް ކަމަށާ، މިއީ ގާނޫނީ ވެރިކަމުގެ ރޫހާ އަމަލެއް ކަމަށް ކަނޑައަޅާފައެވެ. އެހެން ވީއިރު، ވަކި ބައެއްގެ މައްޗަށް ކުށް ސާބިތު ވާން ނެތް ކަމަށް ބުދަ ދުވަހު ނިންމީ ކިހިނަކުން ހެއްޔެވެ؟
މިކަމަށް އޮތީ ސަރީހަ ޖަވާބެކެވެ. މިއީ އިންޑިއާގެ ޖިނާއީ އަދުލު އިންސާފުގެ ނިޒާމު ފެއިލްވެފައި ވާ ކަމުގެ ހެއްކެއް ނޫން ދެވަނަ ކޮން ކަމެއް ހެއްޔެވެ؟ ސިޔާސީ ނުފޫޒު ވަނުމާ، އެކަށީގެންވާ ފަންޑިންގް ނެތުމާ، އިންސާފުގެ ނިޒާމު ހިންގާނެ ކެޕޭސިޓީ ނެތުމުގެ ސަބަބުން އިންޑިއާގެ އަދުލު އިންސާފުގެ ނިޒާމު ކަފުންވިތާ ކިތަންމެ ދުވަހެކެވެ.
މިފަދަ ހާލެއްގައި ވަނިކޮށް، ބުދަ ދުވަހު ކޯޓުން ނިންމި ނިންމުމާއެކު އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުން އިތުރަށް ހަވާސާ ވެއްޖެ ކަމުގެ އިހުސާސް ކުރެވެއެވެ.
ހިންދޫ ނޭޝަނަލިސްޓް ލީޑަރު، ނަރޭންދްރާ މޯދީގެ ވެރިކަމުގައި މުސްލިމުން ހަވާސާކޮށް ކަނަކަށް ޖައްސަމުން ދަނީ ފާޅުގައެވެ. ތާރީހު ނުދެކޭ ދަރަޖައަކަށް މުސްލިމުން އާބާދީ ލަދުގަންނަވަނީ އެންމެންގެ ކުރިމަތީގައެވެ. "ގާނޫނީ ސިއްކަ" އުޒުރަކަށް ހަދައިގެންނެވެ. 1947 ވަނަ އަހަރުގެ މިނިވަންކަމަށް ފަހު، ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ އިންޑިއާގައި "ޑިމޮކްރަތީކް ވިއުގާ" އިން މުސްލިމުންނަށް ޖާގައެއް ނެތްކަން، ބީޖޭޕީގެ ސަރުކާރުން އެދަނީ ސާފުކޮށް، ދައްކައިދެމުންނެވެ.
ގެރި މަސް ކާތީ މުސްލިމުންނަށް ފާޅުގައި ޖިސްމާނީ އަނިޔާ ދެއެވެ. ހިންދޫންނަށް ހާއްސަ ގެރި ގެންގުޅޭ މީހުންނަށް އެތައް ތުރާލެއް ޖައްސައެވެ. ދެން ފެނުނީ ޣައިރު މުސްލިމު ރެފިއުޖީންނަށް އިންޑިއާއިން ހިމާޔަތް ދޭ އުސޫލު ހަލުވި ދުވެލީގައި "އިސްލާހު" ކޮށްލި މަންޒަރެވެ. މުސްލިމުންގެ މެޖޯރިޓީ އޮންނަ ޖައްމުއާއި ކަޝްމީރު ސްޓޭޓުން ދައުލަތެއްގެ ހައްގު ނިގުޅައިގަތެވެ. ގާނޫނީ އިސްތިގުލާލު ފުނޑުފުނޑުކޮށްލިއެވެ.
މިފަދަ ގޮތަކަށް 2020 ވަނަ އަހަރާ ކުރިމަތިލިއިރު، މުޅި ދުނިޔެއަށް ކުރިމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނުގައި އިންޑިއާ ޖެއްސި ބަޔަކީ މުސްލިމުން ކަމަށް ބުނެ، ނުފޫޒު ގަދަ ހިންދޫން ވަކާލާތު ކުރިއެވެ. މުސްލިމުންގެ ދީނީ އެއްވުންތަކަކީ ސަބަބެއް ކަމުގައި ހެދިއެވެ. ނަމަވެސް، "ދީނުގެ ނަމުގައި" ހިންދޫން ބާއްވާ އެއްވުންތަކަށް މިފަދަ އެއްވެސް ފާޑުކިއުމެއް ސިޔާސީ ފެންވަރުގައްޔާ، މީޑިއާގައިވެސް އަމާޒުވާތީ ނުފެނެއެވެ.
މިވަރުން ނިމުނީއެއް ނޫނެވެ. މުސްލިމު ދަރިވަރުންނާ އެކްޓިވިސްޓުން ވަކިވަކިން ފާހަގަކޮށް، ޖަލުގެ ކުޑަކޮޅިއަށް ހެޔޮވަރުކޮށްލައެވެ.
ބާބްރީ މިސްކިތުގެ މައްސަލާގައި ކޯޓުން ނިންމި ނިންމުމަކީވެސް މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން ގެންގުޅޭ ބިކަ ކޮށްލުމުގެ ފަލްސަފާގެ ޗޭނަށް އިތުރުވި ބޮޅެކެވެ. އިންޑިއާގެ މުސްލިމުން ދެކޭ ގޮތުގައި މިއީ މުސްލިމުން ލަދުގަންނަވާލުމަށް އިންޑިއާއިން ކުރި ކަމެކެވެ.
އިންޑިއާގެ މުސްލިމުންގެ އާބާދީ، އުފަން ފަސްގަނޑުގައި ބީރައްޓެހިންނަށް ހެދުމުގައި މޯދީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ މީޑިއާގެ ކޮންމެ ދިމާލަކުންވެސް މިއަދު ފެންނަން ހުރި މަސައްކަތްތަކެކެވެ. މިކަން ހާއްސަ ވަނީ ހަމައެކަނި ބީޖޭޕީއަކަށް ނޫނެވެ. އިދިކޮޅު ކޮންގްރެސްގެ ރޫހުވެސް މިދިމާލަށް މިސްރާބު ޖަހައިފިއެވެ.
އިންޑިއާއަކީ މުސްލިމުންނަށް ފުރައްސާރަ ކުރުމުގެ ތާރީހެއް އޮތް ގައުމެއް ކަމަށް ތާރީހު އިލްމުވެރިންވެސް ބުނެއެވެ. ދިއްލީ ތިންކް-ޓޭންކެއް ކަމަށްވާ ސެންޓާ ފޮ ޕޮލިސީ ރިސާޗްގެ ރިސާޗް އެސޯސިއޭޓް އާސިމް ޢަލީ ވިދާޅުވާ ގޮތުގައި އިންޑިއާގެ ނިޒާމަށް މުސްލިމުން ކުރި އިތުބާރު ގެއްލިއްޖެއެވެ. ސިޔާސީ ޕާޓީތަކާ، މުއައްސަސާތަކާއި މީޑިއާއިންވެސް މުސްލިމުން ފެއިލްކޮށް ހަވާސާކޮށްލައިފި ކަމަށް އިންޑިއާގެ މުސްލިމުން ގަބޫލު ކުރާ ކަމަށް އާސިމް ޢަލީ ވިދާޅުވިއެވެ.
ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑެތި އިގުތިސޯދިތަކުން ޖާގަ ހޯދަމުން އަންނަ އިންޑިއާގައި މުސްލިމުން ފިއްތާލާފައިވަނީ، ޖިފުޓިގަނޑުތަކެއްގެ ތެރޭގައި ކަމަށްވެސް ބުނެވިދާނެއެވެ. 2016 ވަނަ އަހަރަށް ބަލާއިރު، ފުލުހުންގެ ނުފޫޒުގަދަ މަގާމުތަކުގައި މުސްލިމުން ހިއްސާކުރީ އެންމެ 3 ޕަސެންޓްއެވެ. ނަމަވެސް އާބާދީގެ 14 ޕަސެންޓަކީ މުސްލިމުންނެވެ. ތަރައްގީވެފައިވާ ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ބަލާއިރު ގަވައިދުން މުސާރަ ލިބޭ ވަޒީފާއެއް ލިބިފައި އޮތީ އެންމެ 8 ޕަސެންޓް މީހުންނަށެވެ. މިއީ ގައުމީ ނިސްބަތުން ބަލާއިރު 2 ގުނަ ދަށް އަދަދެކެވެ.
ގާނޫނު ހަދާ މަޖިލީހަށް ބަލަމާތޯއެވެ. ގާނޫނު ހަދާ މަޖިލީހުގައި މުސްލިމު މެމްބަރުންގެ ބައިވެރިން ދަނީ ފަހަރަކަށް ވުރެ ފަހަރެއް ދަށަށެވެ. މިހާރު އޮތް ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި މުސްލިމު މެމްބަރުންގެ ހިއްސާއަކީ އެންމެ 5 ޕަސެންޓްއެވެ. 1980ގައި މިއަދަދު އުޅުނީ 9 ޕަސެންޓްގައެވެ. 2014 ވަނަ އަހަރު ބީޖޭޕީއިން އިންޑިއާގެ ވެރިކަމަށް އެރިއިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް މުސްލިމު އެމްޕީއަކާ ނުލާ ވެރިކަން ހޯދި ފަހަރެވެ.
މޯދީއާއި އޭނާގެ ސިޔާސީ ބައިވެރިން ތަކުރާރުކޮށް ކިޔަމުންދާ ބަންޖެއް އޮވެއެވެ. އެއީ އެއްވެސް ދީނަކަށް ތަފާތު ނުކުރާނެ ކަމަށް ބުނާ ބުނުމެކެވެ. އިސްލާމީ ގައުމުތަކުގެ އެއްބާރުލުމަށް ގަޔާވެވަޑައިގަންނަވާ ކަމަށާ، މޯދީގެ ސަރުކާރުގެ ވެލްފެއާ ފައިދާތައް އިންޑިއާގެ އެންމެ ފަގީރު މީހާއާއި ހިސާބަށްވެސް، ދީނެއް ފަންތިއެއް ބެލުމެއްނެތި ފޯރާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
ސިޔާސީ ސައެންޓިސްޓެއް ކަމަށްވާ ކްރިސްޓޯފް ޖެފްރެލޯޓް ވިދާޅުވާ ގޮތުގައި އިންޑިއާއިން މިސްރާބު ޖަހާފައިވަނީ "ނަސްލީ ޑިމޮކްރަސީ" އަކާ ދިމާލަށެވެ. ނަސްލީ ގައުމިއްޔަތުގެ ފަލްސަފާއިން އުފަންވެގެން އައި މި ޝިއާރަކީ، ނުފޫޒުގަދަ ކޮޅަކަށް ބުރަވުމުގެ ފަލްސަފާއެކެވެ.
ސިޔާސީ ސައެންސްވެރިޔާ ޒަހީރު ޢަލީ ވިދާޅުވާ ގޮތުގައި އިންޑިއާގެ މުސްލިމުންގެ އާބާދީއަކީ "ދޫކޮށްލާފައިވާ" އާބާދީއެކެވެ. ބާރެއް ނެތް ކަމުގެ އިހުސާސް އެ އާބާދީގައި ދައުރުވެއެވެ. އިންތިހާ ފަގީރު ކަމާއެކު މަސްރަހު އިތުރަށް ގޯސްވާކަމަށް އޭނާ ވިދާޅުވިއެވެ.
ޢިބޫ ވެސް ކިޔާ އެއްޗަކާ ކުރާ ކަމަކާ ދިމައެއް ނުވޭތާ