ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ހަތް ދައުވާއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު އިއުތިރާފް ވެވަޑައިގެން އެކަމަށް ދައުލަތާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
ހަތް ދައުވާގެ ޝަރީއަތް މިއަދު ވަނީ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. ކުރިން އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައި ވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށް ބުނެ ހައިކޯޓުން އަދީބުގެ ބަންދަށް 15 ދުވަސް ޖެހުމަށް ފަހު ހަތް ދައުވާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަތް ދައުވާ އިއްވުމަށް ފަހު ފަނޑިޔާރު ވަނީ އަދީބަށް ޖަވާބުދާރީވުމަށް ފުރުސަތު ދީފައެވެ. އަދީބު ވިދާޅުވީ އެ ހަތް ދައުވާއަށް ވެސް އިއުތިރާފް ވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް އަވަހަށް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އެ މައްސަލަތަކާ ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވި ކަމަށާއި ހެއްދެވިފައިވާ ގޯސްތަކާމެދު ހިތާމަ ކުރައްވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެކަންކަމަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށާއި މަގާމާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ގޯސްތަކެއް ހެއްދެވިފައިވާ ކަމަށް އިއުތިރާފު ވެވަޑައިގެން ދައުލާތާއި ދިވެހި ރައްޔިތުންގެ ކިބައިން އަދީބު ވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ.
ހަމައެއާއެކު މި ސަރުކާރަށް އެމްއެމްޕީއާރުސީގެ ހިޔާނުގެ މައްސަލަތައް ބެލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށާއި އެ ހިޔާނާތުގެ ބައެއް ވާހަކަތަކަކީ އޭނާ ހާމަ ނުކުރައްވައިފި ނަމަ ނޭނގޭނެ ވާހަކަތައް ކަމަށް އަދީބު ވިދާޅުވިއެވެ.
މީގެ އިތުރުން އަދީބު ވިދާޅުވީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް އެ ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާއި ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް އެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރާއި ރައީސް އަބްދުﷲ ޔާމިންގެ ވިސްނުންފުޅު ހުރީ އެމްއެމްޕީއާރްސީގެ ތެރެއިން ލިބޭ ފައިސާ ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަށް ކަމަށް އަދީބު މިއަދު ވިދާޅުވިއެވެ. ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށާއި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރެއްވި ކަމަަށް އަދީބު ވިދާޅުވިއެވެ.
ގެއްލިފައި ވަނީ ރައްޔިތުންގެ ފައިސާ ކަމަށް ވާތީ އެ ހޯދުމަށް އެހީވުމަކީ ގައުމީ ވާޖިބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވީ، ހަމަ ބުއްދި ސަލާމަތުން ހުރެ ކަމަށާއި އެއްވެސް މަޖުބޫރު ކަމެއް ނެތިކަމަށް އަދީބު ވިދާާޅުވިއެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ބާވަތުން ހައިކޯޓުން އަދީބުގެ ބަންދަށް ޖެހި 15 ދުވަސް އެގޮތަށް ދަމަހައްޓާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އަވަސް ނިޔާއިން މައްސަލަ ނިންމުމަށް ތާވަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.