ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު ފުރުވާލައިފިއެވެ.

މޯލްޑިވިއަނުން ބުނީ މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 38 ވަނަ ދަތުރު ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 7332 މީހުން ވަނީ ފޮނުވާލާފައެވެ. އަދި ފޮނުވާލި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބަންގްލަދޭޝްގެ މީހުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ހާހެއްހާ ބަންގްލަދޭޝްގެ ރައްޔިތުން، ބަންގްލަދޭޝްގެ އަސްކަރީ މަނަވަރަކާއި އަދި އެ ގައުމުގެ ގައުމީ އެއާލައިންގެ ފްލައިޓްތަކުގައި އެ ގައުމަށް ފޮނުވާލާފައި ވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި، އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ދަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގަވާއިދާ އެއްގޮތަށް އުޅޭ ރައްޔިތުންގެ ތެރެއިން ވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.