ހަނިމާދޫ ކައިރީގައި އޮތް ކެލާ ފަތުރުވެރިކަމަށް ހުޅުވާލުމަށް ހއ. ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފު ވިދާޅުވީ ކެލާ ތުނޑި އަކީ ޓޫރިޒަމްގެ ތިންވަނަ މާސްޓާ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގެ މިނިސްޓަރު ކަމުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ތަނެއް ކަމަށެވެ. އަދި 2007ގައި ކުއްޔަށް ދޫކޮށް ގިނަ އަދަދެއްގެ ޑޮލަރު ސަރުކާރަށް ދައްކާފައި ވާ ތަނެއް ކަމަށެވެ. އޭގެ އިތުރުން އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ތެރޭގައި ހިމެނޭ ތަނެއް ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލައަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ތަނެއް ކަމަށެވެ. އަދި އެތަން ތަރަށްގީ ކުރުމަށް، ފަސްނުޖެހި ހުޅުވާލަ ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝަރީފު ވިދާޅުވިއެވެ.

2 ކިލޯމީޓަރު ހުންނަ ކެލާ ގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް އެބަ ހިންގައެވެ. ކެލާގެ ފަޅަކީ ރާއްޖޭގައި އޮތް އެންމެ ރީތި ފަޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ފަޅެވެ. ފަޅުގެ ދިގުމިނުގައި 20 ކިލޯމީޓަރު ހުރެއެވެ.

ފަތުރުވެރިކަމަށް ކެލާ ހުޅުވާލުމަށް ކެލާ ދާއިރާގެ މެންބަރު ޝަރީފު ގޮވާލެއްވި އިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރުމަށް ނިންމާފައި ވަނީ، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުންނެވެ. އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި އެތަން ބަލާ ސާވޭ ކުރާ އިންޑިއާގެ ޓީމު މިހާރު ވަނީ ހަނިމާދޫ ބަލާ ހަދާފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަހަށް ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުން ބޯޑަރު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ނިންމާފައި ވަނީ އަންނަ މަހު 15 އިން ފެށިގެންނެވެ.

ރަށްރަށުގެ ގެސްޓް ހައުސްތަށް އަންނަ މަހު ހުޅުވާލަން ނިންމާފައިވީ ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ނިންމާފައި ވަނީ ނޮވެމްބަރު މަހު ކުރީކޮޅު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.