ޓެރަރިޒަމަކީ އަދުގެ ޖީލަށް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާ، މިއީ އެއްބާރުލުމާ އެއްބައިވަންތަކަން އިސްކޮށް، އެއްބަސް ކިއަން ޖެހިފައިވާ މައްސަލައެއް ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ، ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިއުމުގެ މައި މުލުގައި ވާ މައްސަލަތަކަށް ރިއާޔަތް ކުރަން ޖެހިފައި ވާކަމަށާ، ވަކިން ހާއްސަކޮށް ހަލުވިކަމާއެކު ސޯޝަލް މީޑިއާއި ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު މިކަމަށް ރިއާޔަތް ކުރުމަށް އިސްކަން ދިނުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ހަނގުރާމަވެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޭރީނިއުސް

ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ އިތުރު ކަންކަމަށް އިޝާރާތް ކުރައްވަމުން ޝާހިދު ވަނީ ފަލަސްތީނު ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މިއާއެކު ޝާހިދު ވަނީ 1967 ވަނަ އަހަރުގެ ސަރަހައްދީ އިން ކަށަވަރު ވާ ގޮތަށް، ވަކިވެފައިވާ މިނިވަން ދެ ދައުލަތް އުފެދި، ފަލަސްތީނުގެ ވެރި ރަށަކީ ގުދުސް ކަމުގައި ކަށަވަރު ކުރުމަށް ގޮވާލައްވާފައެވެ.

ޝާހިދު ވަނީ ރޯހިންޏާ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރޯހިންޏާގައި ގަތުލުއާންމު ހިންގާއިރު މަންޒަރު ބަލަން ރާއްޖެއިން ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ރޯހިންޏާ ދަރިކޮޅުގެ މީހުންނަށް އިންސާފަނުން ބޭރުން ދެމުންދާ އަނިޔާތަކާ ދެކޮޅަށް ރާއްޖެއިން ގޮންޖަހާނެ ކަމަށްވެސް ދިވެހި ހާރިޖީ ވަޒީރު، އދގެ އާންމު މަޖިލީހަށް ދެއްވި ތަގުރީރުގައި ވަނީ ހާމަކުރައްވާފައެވެ.

ފަލަސްތީނުގެ އުރުދުން ވާދީގައި އޮންނަ އައް-ރީހާއޭ ކިއުނު ސަރަހައްދުގައި ކުރިއަށްދިޔަ ރެލީގެ ތެރެއިން/ފޮޓޯ:އައި24ނިއުސް

ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދާ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރެއްވި ތަގުރީރު ނިންމަވާ ލެއްވުމުގެ ކުރިން ޝާހިދު ވަނީ، އދއަށް އިސްލާހީ ބަދަލުތަކެއް ބޭނުންވާކަމީ، އެންމެންވެސް އެއްބަސްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. ކަން މިހެން އޮތް ނަމަވެސް، އދއަކީ އިންތިހާއަށް މުހިންމު މުއައްސަސާއެއް ކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. މީގެ 55 އަހަރު ކުރިން ދިވެހިރާއްޖޭގެ ފަރާތުން އދގެ އާންމު މަޖިލީހުގައި ކުރެއްވި ތަގުރީރެއްގައި ފާހަގަކޮށްފައި ވާ ފަދައިން، ދިވެހިރާއްޖެއަކީ ބައިމަދު ގައުމެއް ނަމަވެސް، ވީ އެންމެ ފުރިހަމައަށް ޒިންމާ އަދާ ކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ދިވެހި ހާރިޖީ ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.