ގާނޫނާއި ގަވައިދާއި އިޖުރާއަތުން ބޭރުން އެއްވެސް ކަމެއް ކުރައްވައިފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިފަދައިން ވިދާޅުވެފައި ވަނީ އޭސީސީއަށް މީހަކު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ ރާއްޖޭގައި ހިންގަމުން ދާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާސްޕޯޓް އޮތޯރިޓީން ޝާއިއު ކޮށްފައި ވާ ގަވައިދު "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު" އުވާލާފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލައާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދުގައި މައްސަލަތަކެއް ހުރި ކަމަށާއި ގަވާއިދު ހެދުމުގައި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދާފައި ނުވާތީ އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއިން މިނިސްޓްރީއަށް ވަނީ ހުށައަޅާފައި ކަމަށެވެ.

އޭގެ އިތުރުން މަޖިލީހުން ލަފާދީފައި ވަނީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު އެކުލަވާލުމަށް، ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށް އެ ގަވާއިދު އަލުން އިސްލާހު ކުރުމަށް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އެހެންކަމާއެކު އިޖުރާއަތުގެ ބޭރުން އެއްވެސް ކަމެއް ކުރައްވައިފައި ނުވާނެ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. ނަހުލާ ވިދާޅުވާ ގޮތުގައި ގަވައިދު އުވާލީ އިސްލާހު ކުރުމަށްޓަކައެވެ.

ޝިޕިން އެޖެންސީތަކާއި ވިޔަފާރިވެރިންގެ ތެެރެއިން 70 ފަރާތް ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު" ބާތިލު ކޮށްފައި ވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސްކުރުމެއް ނެތި ކަމަށް ވާއިރު، އެ މައްސަލާގައި އެދިފައި ވަނީ ބޯޑުގެ މެންބަރުންގެ ބަހެއް ނެތި އެ ގަވައިދު މިނިސްޓަރު ނަހުލާ އަމިއްލަފުޅަށް އުވާލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ދެކެވޭތީ އެކަން ބަލައިދިނުމަށެވެ.