ދިރާގުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފިއެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ ފިޔަވަތީގެ ކޮމްޕިއުޓާ ލެބަށް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ ކޮވިޑް19 ގެ މި ދަނޑިވަޅުގައި އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައިވާތީ، ލެބްގެ އިތުރުން ކްލާސް ރޫމް ތަކުގައި ކުދިންގެ ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ބޭނުންވެފައިވާ ކަމަށެވެ.

99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 7 އާ ހަމައަށް މިހާރުވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާއިރު، ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ހާއްސަ ހަރަކާތްތަކުގައިވެސް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ކޮވިޑް 19ގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައިވާ މިދަނޑިވަޅުގައި، އެއްވެސް ހަރަދަކާއިނުލާ އިންޓަނެޓްޕެކޭޖާއިއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދެއްވަމުންގެންދަވާތީ، ދިރާގުގެ ފަރާތުން ތިޔަ ވެދެއްވަމުންދާ ނިޔަނެތި އެހީއަށް ފިޔަވަތީގެ އެންމެހާ ކުދިންނާއި މެނޭޖްމެންޓް ނަމުގައި ޝުކުރު ދަންނަވަން. އަދި މިފުރުސަތުގައި މިނޫން އެހެން ދަނޑިވަޅުތަކުގައިވެސް ދިރާގުން ފިޔަވައްޗަށް ބަހައްޓަވާ ގަތްކަމާއި ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވަން
ފިޔަވަތީގެ ސީ. އީ. އޯ ޒީނާ ގާސިމް

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައިވެސް ވަނީ ކުޑަކުދިންގެ ހިޔާ ތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.