ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ކުރި އިއުލާންގައި ބުނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޯޓަށް އައްޔަންކުރެވިފައިވާ، އެކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ކަމަށެވެ.

އެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ ކޮމިޝަންގެ ރަސްމީ އީމެއިލް އަށް ސިޓީއެއް ފޮނުވުމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތން ކަމަށެވެ. އެ ގަވާއިދު ގެޒެޓުންނާއި އެ ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި އެ ކޮމިޝަންގެ ނަންބަރު 3303501 އަށް ގުޅުމަށް ޖޭއެސްސީން ބުނެއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާފައިވާ އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށްވެސް ވަނީ ކުރިމަތިލާން ފުރުސަތު ހުޅުވާލާފައެވެ. އެ މަގާމަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮޓީ އެ ކޮތެއއގައި ފަނޑިޔާރުކަން ކުރަމުންދާ ފަރާތްތަކަށް އެކަންޏެވެ.