ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް ކުރަމުންދާ ގޮތަށް ބަލާއިރު، 6 މިލިއަން ފާހަގަކުރި 2 ވަނަ ގައުމަކަށް، އަވަށްޓެރި އިންޑިއާ ވެއްޖެއެވެ.

އިންޑިއާއިން 6 މިލިއަން ޕޮޒިޓިވް ކޭހުގެ ފާހަގަ ހުރަސް ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އިންޑިއާގެ ހެލްތް އެންޑް ވެލްފެއާ މިނިސްޓްރީއިން އެންމެ ފަހުން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 82170 އާ ކޭސް ވަނީ ފެނިފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް 6 މިލިއަން ކޭހުގެ ފާހަގަ ހުރަސްކޮށްފައިވަނީ 2 ގައުމަކުންނެވެ. އެއީ އިންޑިއާގެ އިތުރުން، އެމެރިކާއެވެ. އެމެރިކާއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު އުޅެނީ 7.1 އަށް ވުރެ މަތީގައި ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފާއިތުވީ ދޮޅުމަހެއްހާ ދުވަހަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ.

އިންޑިއާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ކޭހެއް ރެކޯޑް ކުރީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެ ފަހުން 1 މިލިއަން ފާހަގަ ހުރަސް ކުރުމަށް 6 މަސް ދުވަސް ފާއިތުވިއެވެ. ނަމަވެސް އޭގެ ފަހުން 6 މިލިއަން ފާހަގަ ހުރަސްކޮށްފައި މިވަނީ އެންމެ 2 މަސް ދުވަހުގެ ތެރޭގައެވެ.

ކޮވިޑް-19 ޖެހިގެން، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 1039 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 1039 އަށް އަރައެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗްއިން ބުނާ ގޮތުގައި އެގައުމުން މިހާތަނަށް ގާތްގަނޑަކަށް 72 މިލިއަން ސާމްޕަލެއް، ކޮވިޑް-19އަށް ވަނީ ޓެސްޓު ކޮށްފައެވެ.