އަދު ތަޖުރިބާ ކުރަމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި އެ ސިނާއަތަކަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވި އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. މިކަމުގެ އަސަރު ނުފޯރާ ހަމަ އެންމެ ގައުމެއްވެސް ނެތެވެ. ދަތުރުފަތުރު ކޮށް އުޅުމަށް ކަނޑައެޅުނު ހައްދުތަކާ، ކޮންޒިއުމަރުންގެ ޑިމާންޑް ދަށްވެގެން ދިއުމާއެކު، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުން އިންތިހާ ހީނަރުކަން ތަސްވީރުކޮށްދިނެވެ. ނަތީޖާއަކަށްވީ، އިގުތިސޯދުތައް ހީނަރުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، އާއިލާތަކެއް ބިކަވެ، ނިކަމެތި ވެގެން ދިއުމެވެ.

ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އެރި ބޮޑު ލޮޅުމުގެ އަސަރު އެންމެ ބޮޑަށް ފޯރި އެއް ބަޔަކީ އަންހެނުންނާ، ޒުވާނުންނާ، ނުރަސްމީ އިގުތިސޯދީ ހަރަކާތްތަކުގައި އުޅުނު މަސައްކަތްތެރިންނެވެ. ހަމަ މިއާއެކު، ފަތުރުވެރިކަމުގެ ވަޒީފާތަކާ، އިގުތިސޯދީ ކުރިއެރުމުގެ ނާރެހަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައި ދެކިގެން އޮތް މަންޒިލްތަކަށްވެސް މިކަމުގެ އިންތިހާ އަސަރު ދަނީ ފޯރަމުންނެވެ.

އިންތިހާ ފަގީރުކަމުގައި ދިރިއުޅެމުންދާ ކުދިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕިކްސާބޭ

މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތް މަޑުޖެހުން ވެގެން ދިޔައީ، ސަގާފީ ތަރިކައާއި ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، ދިގުމުއްދަތަކަށް ދެމެހެއްޓުމަށް ކުރަމުންދިޔަ މަސައްކަތްތަކުގައިވެސް ބުރެކި ޖައްސުވާލި ކަމަކަށެވެ. ފަތުރުވެރިކަމުން ލިބެމުންދިޔަ އާމްދަނީ ހީނަރުވުމާއެކު، ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރަމުންދިޔަ މަސައްކަތް ފަގީރުވިއެވެ. ހިމާޔަތްކޮށް، ރައްކާތެރި ކުރެވިފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ މީހުންނަށް އެކަމުގެ ސީދާ އަސަރު ފޯރިއެވެ. ކޮވިޑް-19ގެ އާ އާންމު ހާލަތުގެ ވައްޓަފާޅިއަށް، ސަގާފީ އަދި އާސާރީ ތަރިކައިގެ ވެށި، ފެތިފައި ނުވާއިރު، އިންސާނީ ހަލާރާތުގެ މާޒީއިން ބައެއް ވަނީ ނުރައްކަލުގެ ތެރޭގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަކީ ގައުމުތަކަށް އެތައް ފިލާވަޅެއް އުނގަންނައިދެމުންދާ ބަލިމަޑުކަމެއްކަން ގަބޫލުކުރަންޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފަތުރުވެރިކަމުގެ ނަޒަރުން ބަލާއިރުވެސް މިކަން އޮތީ މިހެންނެވެ. ކޮވިޑް-19އަކީ ފަތުރުވެރިކަމުގެ ކުރިމަގަށް، އާ ވިސްނުމަކާ ފިކުރެއް ގެންގުޅެން ވެއްޖެކަން އަންގައިދިނުމަށް އިއްވި އިންޒާރުގެ ރަނގަބީލެކޭވެސް ބުނެވިދާނެއެވެ. ދެމެހެއްޓެނިވި ތަރައްގިއާއި، އިޖުތިމާއީ، ސަގާފީ، ސިޔާސީ އަދި އިގުތިސޯދީ އަގަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިންގިލާބީ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ. މި ބަލިމަޑުކަމުން އަރައިގަނެ، އާ ހަޔާތެއްގެ ފެށުމަކަށް، ފަތުރުވެރިކަމުގެ ސިނާއަތުން އަދާކުރާނެ ދައުރު ބޮޑެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

ފަތުރުވެރިކަމާ ބެހޭ އދގެ ޖަމިއްޔާ (ޔޫއެން ޑަބްލިއުޓީއޯ)ގެ ރެކޯޑްތަކަށް ބަލާއިރު، ފަތުރުވެރިކަމާ ސީދާ ގޮތުން ގުޅޭ 100-120 މިލިއަން ވަޒީފާއެއް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ޔޫއެން ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓްއިން ލަފާކުރާ ގޮތުގައި، ދުނިޔޭގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 1.5-2.8 ޕަސެންޓް، މި ބަލިމަޑުކަމުގައި ގެއްލޭނެއެވެ. މިއާއެކު ދެމެހެއްޓެނިވި، އަދި ހުރިހާ ފަރާތެއްގެ ޝާމިލުވުމާ ބައިވެރިވުން އެކުލެވޭ، އެއްވެސް ފަރާތެއް ބަކީ ނުކުރަނިވި ސިޔާސަތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ބޭނުންވާކަން އަންގައިދެއެވެ.

ދުނިޔޭގެ އަދުގެ އާބާދީއަށް ބަލާއިރު ކޮންމެ 10 މީހަކުން 1 އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ޝާމިލުވާ މަސައްކަތްތެރިއެކެވެ. ޔޫއެންޑަބްލިއުޓީއޯއިން ލަފާކުރާ ގޮތުގައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތް މެކުހަށް ޖެހުމުގެ ކުރިން، ކުރިފަޅާ ހެދެން ފަށާނީ އެތެރޭގެ ފަތުރުވެރި ހަރަކާތްތަކެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއަހަރުގެ ޝިއާރު ބިނާ ކޮށްފައި ވަނީ "ފަތުރުވެރިކަމާ ރަށްފުށުގެ ތަރައްގީ" މި ޝިއާރުގެ މައްޗަށެވެ. މިއީ މައި ސިޓީތަކުގެ ބޭރުން، ހަވާސާވެފައިވާ ރަށްތަކަށް ތަރައްގީއާއި ކުރިއެރުން ކަށަވަރު ކޮށްދީ، ސަގާފީ، އާސާރީ އަދި ގުދުރަތީ ތަރިކަ ހިމާޔަތް ކުރުމަށް ބާރު ދެނިވި ފަލްސަފާއެކެވެ.

ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، މި ހައްސާސީ ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހިންގައިގަތުން އިންތިހާއަށް މުހިންމުކަން ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ރަށްފުށުގެ ތަރައްގީ ހާސިލުކުރުމުގެ ފައިދާ ބޮޑެވެ. ދިރުން ނެތް އެތައް ރަށަކަށް އުޖާލާކަމާ އާރޯކަމުގެ އުއްމީދު ގެނެސްދެއެވެ. 2050 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީގެ 68 ޕަސެންޓް މީހުން ދިރިއުޅޭ ތަރައްގީ ވެފައިވާ (އާބަން) ސަރަހައްދުތަކުގައި ކަމަށް ލަފާކުރެވެއެވެ. ކަން މިހެން އޮތްއިރު، އިންތިހާ ފަގީރު ހާލުގައި މިހާރު ދިރިއުޅެމުންދާ މީހުންގެ 80 ޕަސެންޓް ހިއްސާކުރަނީ، މައި ސިޓީތަކުން ބޭރުގައި އުޅޭ މީހުންކަންވެސް ފާހަގަކުރަންޖެހެއެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

ޒުވާނުންނަށް ކުރިމަތިލާންޖެހިފައިވާ ވޭން ބޮޑެވެ. ރަށްފުށުގެ ޒުވާނުންނަކީ ދޮށީ އުމުރުގެ މީހުންނާ އަޅާ ބަލާއިރު، ވަޒީފާ ގެއްލުމުގެ ބިރު، 3 ގުނަ ބޮޑު ބައެއް ކަމަށް އދއިން ބުނެއެވެ. ވީއިރު، ފަތުރުވެރިކަމަކީ، ހަޔާތުގެ އޮއެވަރުގައި ބެހެމުންދާ މީހަކަށް ދެވޭ ސަލާމަތުގެ ވާ ފަށަކަށްވެސް ވެދާނެއެވެ. ރަށްފުށުގެ ތަރައްގީގެ ވިއުގާއަށް ފަތުރުވެރިކަމުގެ ސިނާއަތް ޝާމިލުކުރުމާއެކު، އެއްތަނުން އަނެއްތަނަށް ހިޖުރަކުރުމަށް އޮތް މަޖުބޫރަށްވެސް ހިސާބެއްގެ ލުޔެއް ލިއްބައިދެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ އެއްބައިވަންތަކަމާ އެއްބައެއްވަންތަކަން ކުރިއެރުވުމަކީ، ފަތުރުވެރިކަމުގެ އިނދަޖެހެމުންދާ ސިނާއަތް ނެގެހެއްޓުމަށް މިއަދު ކުރެވެން އޮތް އެންމެ މުހިންމު އެއް މަސައްކަތްކަން ދަންނަންޖެހެއެވެ.