އިންޑިއާހެ ކޮޗިނާއި ކުޅުދުއްފުއްޓާއި ދެމެދު އަލަށް ފެށި ފެރީއިން މިއަދު ގެނައި 2 ކޮންޓެއިނަރު ބާލަން އިތުރުން 300 އެއްހާ ޑޮލަރު ދައްކަން ޖެހޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

'ދަ ޕްރެސް' އަށް ލިބިފައިވާ ބައެއް ލިޔެކިއުން ތަކުން ދައްކާ ގޮތުގައި، ކުޅުދުއްފުށީ ޕޯޓަށް މިއަދު ގެނައި 20 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން ކޮންމެ ކޮންޓެއިނަރެއް ބޭލުމަށް ހޭންޑްލިން ޗާޖުގެ ގޮތުގައި 343 ޑޮލަރު ވަނީ ނަގާފައެވެ. އާންމުކޮށް، 20 ފޫޓުގެ ކޮންޓެއިނަރެއް މާލޭގެ ބަނދަރަށް ބޭލިޔަސް ހޭންޑްލިން ޗާޖަށް ނަގަނީ 195.5 ޑޮލަރެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އާ ވާހަކަ ދެއްކި އެޖެންޓަކު ބުނީ، ދެ ކޮންޓެއިނަރު ބޭލުމަށް މިހާ ބޮޑު އަގެއް ދައްކަން ޖެހުނީ، ފެރީއިން ގެނައި މުދާ ކުޅުދުއްފުށީ ޕޯޓަށް ބޭލުމަށް ބޭނުންކުރި އުޅަނދަކީ މޯލްޑިވްސް ޝިޕިން ކޮންޕެނީއިން 3 ވަނަ ފަރާތަކުން ކުއްޔަށް ހިފާފައިވާ އުޅަނދަކަށް ވާތީ ކަމަށެވެ. އަދި އެ އުޅަނދުގެ ފީ އަށް ގާތްގަނޑަކަށް 300 ޑޮލަރު ދައްކަން ޖެހުމަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި، މީގެ ސަބަބުން، އެ ފެރީއިން ގެނައި މުދަލުގެ އަގު ބޮޑު ވެގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

'ދަ ޕްރެސް' އިން މިކަމާ ގުޅިގެން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިއަދު ފެރީއިން ގެނައި ކޮންޓެއިނަރުތައް ބޭލުމަށް އެ ކުންފުނިން 3 ވަނަ ފަރާތަކުން އުޅަނދެއް ކުއްޔަށް ހިފި ކަމަށެވެ. އުޅަނދު ކުއްޔަށް ހިފީ އެމްޕީއެލުން ކުޅުދުއްފުށީ ޕޯޓުގައި އެ އިންތިޒާމް ހަމަޖައްސާފައި ނުވާތީ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، އެކަމަށް އެމްޕީއެލުން އަވަސް ހައްލެއް ހޯދައި ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަދި، އިތުރު އުޅަނދެއް ކުއްޔަށް ހިފައިގެން ހޭންޑްލިން ޗާޖަށް އިތުރު އެއްޗެއް ދައްކަން ޖެހުނު ނަމަވެސް، މާލެއިން ކުޅުދުއްފުއްޓަށް މުދާ ގެންދިއުމަށް ވުރެ، އަގު ބޮޑުތަނުން ހެޔޮ ވާނެ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ޕޯޓަށް މުދާ ބޭލުމަށް ޓަގް ބޯޓެއް ފަދަ އުޅަނދެއް ހަމަޖައްސާފައި ނުވަނީ އެ ޕޯޓަކީ މާލޭ ޕޯޓު ފަދަ އެކްޓިވް ޕޯޓަކަށް ނުވާތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު މި ފެށީ ޝެޑިއުލް ކޮށްގެން އަންނާނެ ފެރީއެއް ކަމަށް ވުމާއެކު، ކުޅުދުއްފުށީ ޕޯޓް ވެސް އެކްޓިވްވެ، މާލޭގައި ހަމަޖެހިފައިވާ އިންތިޒާމްތައް ކުޅުދުއްފުށީގައި ވެސް ގާއިމް ކުރެވެން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްޕީއެލް މާލޭ އޮފީހުން ބުނީ، އެ ޗާޖު ނެގިގޮތް ސާފު ވާނީ ކުޅުދުއްފުށީ ޕޯޓާ ގުޅުނީމައި ކަމަށާއި، އެކަން ސާފުކުރެއްވުމަށް ފަހު ބުނާނެ ކަމަށެވެ. ނަމަވެސް އެ ޗާޖު ނެގި އުސޫލު މިހާތަނަށް އެމްޕީއެލްއިން ސާފުކޮށްދީފައެއް ނުވެއެވެ.