ދުނިޔޭގެ (ގިނިސް) ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އެސްޕީ ބާލަސުބްރަމާނިޔަމް މަރުވެއްޖެއެވެ.
އުމުރުން 74 އަހަރުގައި މި ދުނިޔެއާއި ވަކިވެ ދިޔަ ސުބްރަމާނިޔަމް ވަނީ އޭނާގެ ބައި ގަރުނުވީ މިއުޒިކް ކެރިއަރުގައި 40000 އަށްވުރެ ގިނަ ލަވަ ރެކޯޑް ކޮށްފައެވެ.
ލޯބީގެ ލަވަތަކުން ފެށިގެން ޑާންސް ލަވަތައްވެސް ކިޔައިދީފައިވާ ސުބްރަމާނިޔަމް ވަނީ 16 ބަހަކުން އޭނާގެ ލަވަތައްހުށަހަޅާދީފައެވެ.
ހުކުރު ދުވަހުގެ ވަގުތެއްގައި އެސްޕީބީ މަރުވީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އިންޓެންސިވް ކެއާ ޔުނިޓްގައި ދުވަސްތަކެއް ވަންދެން އެޑްމިޓްކޮށްފައި އޮއްވައެވެ.
ކޮވިޑް-19 ޖެހިގެން ޗެންނާއީގެ ހޮސްޕިޓަލެއްގައި އެސްޕީބީ އެޑްމިޓްކުރީ އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން، މިމަހުގެ ކުރީކޮޅު އޭނާ ވަނީ ކޮވިޑް-19އަށް ނެގެޓިވްވެފައެވެ. ނަމަވެސް، ފަރުވާ ދެމުންދިޔައީ ލައިފް ސަޕޯޓް ސިސްޓަމްގެ އެހީގައި ކަމަށް ޚަބަރު ލިބެއެވެ. އެސްޕީބީއަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލުން ހާމަކޮށްފައި ވާ ގޮތުގައި އޭނާ މަރުވީ، ކާޑިއޯ-ރެސްޕިރޭޓަރީ އެރެސްޓެއްގައެވެ.
ތަމަޅަ އަދި ތެލޫގޫ ސިނަމާތަކުން އުފަންވެގެން އައި އެސްޕީބީ ވަނީ ބޮލީވުޑް ސިނާއަތުގައިވެސް އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައެވެ. ބޮލީވުޑުން އެސްޕީބީގެ މަސައްކަތްތައް ވިދާލީ، 1981 ވަނަ އަހަރުގެ ފިލްމު، "އޭކް ދޫޖޭ ކޭ ލިޔޭ" އިންނެވެ. އެސްޕީބީއާއިއެކު މަސައްކަތް ކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި އޭއާރް ރަހްމާން ފާހަގަކުރެވެއެވެ. އެ ތަރިއަކަށް (ލިޕްސިންކް) ކުރުމަށް އެސްޕީބީ ލަވަކިޔައިދީފައިވާ ތަރިންގެ ތެރޭގައި ބޮލީވުޑް ބަތޮލް، ސަލްމާން ހާންވެސް ހިމެނެއެވެ.
އެސްޕީބީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ "ދިލް ދީވާނާ" (މޭނޭ ޕިޔާރު ކިއާ 1989)، "ޕެހެލާ ޕެހެލާ ޕިޔާރު" (ހަމް އާޕްކޭ ހޭނ ކޯން)، "ދޭކާ ހޭ ޕެހެލީ ބާރް" އަދި "ތުމްސޭ މިލްނޭ ކީ ތަމަންނާ" (ސާޖަން 1991) ފަދަ ލަވަތަކީ ދިވެހިންގެ ޕްލޭލިސްޓުތަކުންވެސް ޖާގަ ހޯދާފައިވާ ބައެއް މަސައްކަތްތަކެވެ.
އެސްޕީބީއަކީ އޭނާގެ މަސައްކަތުގެ ވައްޓަފާޅިއަށް ބަލާއިރު ރެކޯޑް ތަރިއެކެވެ. އެގޮތުން އޭނާ ވަނީ 1 ދުވަސް ތެރޭ މުޅިން އަލަށް 21 ލަވަ ރެކޯޑްކޮށްފައެވެ. މީގެ އިތުރުން ބޮލީވުޑްގެ ފިލްމަކަށް ލަވަކިއަން ވެއްޖެނަމަ މުމްބާއީއަށް ދަތުރުކުރުމަށްފަހު، ހަވީރު ވާއިރު އެނބުރި ޗެންނާއީއަށް އަންނަ ކަމީވެސް އޭނާގެ މަސައްކަތުގެ ސުލޫކުން ފާހަގަވި ކަމެކެވެ.