ފެންވަރު ރަނގަޅު ތައުލީމު ހާސިލު ކުރުމަށް، ސަރަހައްދީ ފެންވަރުގައި ވީ އެންމެ ފުރިހަމަ އަކަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ދެކުނު އޭޝިއާ ސަރަހައްދުގެ ގުޅިފައިވާ އިއްތިހާދު (ސާކް) ގެ މެމްބަރު ގައުމުތަކަށް ގޮވާލައްވައިފިއެވެ.

ދިވެހި ހާރިޖީ ވަޒީރު މިކަމަށް ގޮވާލައްވާފައި ވަނީ، މިހާރު ކުރިއަށްދާ އދގެ 75 ވަނަ އާންމު ޖަލްސާގައި ހަވާސާގައި ކުރިއަށް ގެންދިޔަ ސާކު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ދިޔަ ސާކް ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހި ހާރިޖީ ވަޒީރު ވަނީ، ސަރަހައްދުގެ އެއް ގައުމުގެ އަނެއް ގައުމާ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި އެއް ގައުމު އަނެއް ގައުމާ ގުޅިފައިވާ މިންވަރު އިތުރަށް ތަނަވަސް ކުރުމަށްވެސް ޝާހިދު ވަނީ ބާރު އަޅުއްވާފައެވެ.

މީގެ އިތުރުން، މިއަދު ކުރިމަތިލާން ޖެހިފައި ވާ ކޮވިޑް-19ގައި ބަލިމަޑުކަމުގައި، އިންޑިއާއާއި ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ލިބިފައިވާ އަދި ލިބެމުންދާ އެއްބާރުލުން ވަކިން ފާހަގަ ކުރައްވަމުން ހާރިޖީ ވަޒީރު ވަނީ އެ ގައުމުތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ، ސަރަހައްދީ ފެންވަރުގައި މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ، ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޓެރަރިޒަމް ނައްތާލުމަށް، ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. ސަރަހައްދީ ތަރައްގީއަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމްކަންވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަ މިއާއެކު، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް މެމްބަރު ގައުމުތަކުން އެކަތިގަނޑަކަށް ވުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ. މިފަދަ ނޭދެވޭ ބަދަލުތަކަކީ މިއަހަރުވެސް ސާކް ސަރަހައްދަށް އިންތިހާއަށް އަސަރު ކުރުވި ބަދަލުތަކެއްކަން ދިވެހި ހާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އދގެ އާންމު މަޖިލީހުގެ ހަވާސާގައި ނުރަސްމީ ސިފައެއްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ މިއަހަރުގެ ސެޝަންގައި، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޢަބްދުލް މޫމިން، ނޭޕާލްގެ ހާރިޖީ ވަޒީރު ޕްރަދީޕު ކުމާރު ގަޔަވާލީ، އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ހަނީފު އަތުމަރުގެ އިތުރުން ބޫޓާންއާއި ސްރީލަންކާގެ ހާރިޖީ ވަޒީރާއި، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.