ވިހައިގެ އަސަރުކޮށްގެން މަހަކަށްވުރެ ގިނަ ދުވަސްވަންދެން ޖަރުމަނުވިލާތުގައި ފާރުވާ ހޯދި ރަޝިއާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވާލްނީގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، ވެރިރަށް މޮސްކޯގައި ހުންނަ އޭނާގެ އެޕާޓްމަންޓްގެ ކޮންޓްރޯލް އަތުލާފައި ވާކަމަށް، އޭނާގެ ތަރުޖަމާނު ހާމަ ކޮށްފިއެވެ.

ނަވާލްނީގެ ތަރުޖަމާނުކަން ކުރަމުން އަންނަ ކައިރާ ޔަރްމީޝް ބުނީ، ނަވާލްނީގެ އެކައުންޓްތައް ފްރީޒްކޮށް، އެޕާޓްމަންޓް ނަގާފައިވަނީ ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ޔަރްމީޝް ހާމަ ކުރި ގޮތުގައި ނަވާލްނީގެ އެސެޓްތަކުގެ ކޮންޓްރޯލް އަތުލާފައިވަނީ އޯގަސްޓް 27 ވަނަ ދުވަހު ކަމަށެވެ. އެއީ މޮސްކޯ ސްކޫލްޗައިލްޑް ކޭޓަރިންގް ކޮމްޕެނީއިން ހުށަހެޅި ދައުވާއަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.

މި ކުންފުންޏާ ނަވާލްނީއާއި ދެމެދު ޒަމާންވީ ހަސަދައެއް އޮވެއެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ވަނީ ޖަރުމަނުވިލާތުގެ ހޮސްޕިޓަލުން ދޫކޮށްލާފަ/ފޮޓޯ: ސްކައިނިއުސް

މޮސްކޯ ސްކޫލްޗައިލްޑް ކޭޓަރިންގް ކޮމްޕެނީއިން ނަވާލްނީއާއި ދެކޮޅަށް ދައުވާ ކުރަނީ، އެ ކުންފުނީގެ އަބުރާ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ނަވާލްނީ އަމަލުކޮށްފައިވާތީ، އެކަމުގެ ބަދަލު ހޯދުމަށެވެ.

32 ދުވަސް ވަންދެން ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ނަވާލްނީ ޑިސްޗާޖުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް އައުޓް ޕޭޝަންޓް އުސޫލުން، ނަވާލްނީ އަދިވެސް ސިއްހީ ފަރުވާ ހޯދާ ކަމަށް ޚަބަރު ލިބެއެވެ. ނަވާލްނީއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ ރަޝިއާގެ ޑޮމެސްޓިކް ފްލައިޓެއްގައި އިނދާއެވެ. އޭނާއަށް ވިހައެއްގެ އަސަރު ކޮށްފައި ވާކަމަށް ޓީމުން ބުނާއިރު، ޖަރުމަނުވިލާތުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނަވާލްނީ ހުރި ހޮޓަލުގެ ތެރެއިން ފެނުނު ފުޅިއެއްގައި، ފުރާނައަށް ގެއްލުން ދެނިވި ނޮވިޗޯކް ނާވް އޭޖެންޓްގެ އަސަރު ހުރި ކަމަށް ބުނެފައެވެ. މިކަމުގައި ރަޝިއާ ސަރުކާރުގެ އަތެއް ވާ ކަމަށް ކުރާ ތުހުމަތުތަކަށް، ރަޝިއާ ސަރުކާރުން އިންކާރު ކުރެއެވެ.