ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން އިތުރު 54 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 54 މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 24 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 50 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 4 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9939 އަށް އަރާފައެވެ.

މިއަދު އިތުރު 67 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8597 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1301 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 645 މީހަކު އެބަތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި 9939 މީހުންގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 26 ރިސޯޓަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 14 ފަތުރުވެރިއަކާއި، 34 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 26 ދިވެއްސަކަށާއި، 14 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއެވެ.