އީރާނުގެ މައްސަލައަށް ބިނާ ކުރަނިވި ހައްލެއް ގެނެސް، އީރާނުގެ އެހީއާއިއެކު ލުބްނާންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ހިޒްބުﷲ ޖަމާއަތަށް އޮތް ހަތިޔާރުގެ ބާރު ކަނޑުވާލުމަށް ސައުދީގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒު ގޮވާލައްވައިފިއެވެ.

މިހާރު ކުރިއަށްދާ އދގެ 75 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުން ސަލްމާން ރަސްގެފާނު ވަނީ، މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް އެއްބާރުލުން ދެއްވާފައެވެ.

ބަހުގެ ވަރުގަދަ ހަމަލާތަކެއް އީރާނަށް އަމާޒު ކުރައްވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގެ ނާޖާއިޒު ފައިދާ، އިރާނުން ނަގަމުން ދާ ކަމަށެވެ. އީރާނުން މި އެއްބަސްވުމުގެ ނާޖާއިޒު ފައިދާ ނަގަނީ، ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް އީރާނުން ހިންގާ ހަރަކާތްތައް ފުޅާ ކުރުމަށާ، ޓެރަރިސްޓް ނެޓްވޯކްތައް އުފެއްދުމަށާ، ޓެރަރިޒަމްގެ ބޭނުން ހިފުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުފެދިފައިވަނީ ހަމަނުޖެހުމާއި، ހައްދުފަހަނައަޅާ ދިއުމާ، ފިކުރީ ބައިބައިވުމެއް ކަމަށްވެސް ސައުދީގެ ރަސްގެފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.

193 ގައުމު ބައިވެރިޔވާ އާންމު މަޖިލީހަށް ވީޑިއޯ މެދުވެރި ކުރައްވާ ދެއްވި ބަޔާނުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ، އީރާނުގެ މައްސަލައަށް ބޭނުން ވަނީ ބިނާ ކުރަނިވި ހައްލެއް ކަމަށާ، މިކަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާކަމާއެކު ސާބިތުވެތިބެންޖެހޭ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ، ފުރިހަމަ ނޫން އެއްބަސްވުންތަކެއް އެކުލަވާލައިގެން އީރާނުގެ ސަރުކާރާއެކު މަސައްކަތް ކުރަން އުޅެގެން ސައުދީއަށް ފިލާވަޅުތަކެއް ދަސްވެފައި ވާ ކަމަށާ، އީރާނު ރުއްސަން ކުރާ މިފަދަ ކަންކަމުން، އެގައުމުން ބައިނަލްއަގުވާމީ މުޖުތަމައަށް އަމާޒުވާ ނުރައްކަލާ، ސަލާމަތަށް ކުރިމަތިކުރުވާ އިންޒާރުތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ސައުދީގެ ސަލްމާން ރަސްގެފާނު ވަނީ މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އިސްރާއީލާއި ފަލަސްތީނު ސުލްހަ ކުރުމުގެ އަސާސަކަށް ވާންވީ 2002 ވަނަ އަހަރު އެކުލަވާލި އަރަބް ޕީސް އިނިޝަޓިވް ކަން ސައުދީގެ ރަސްގެފާނު ވަނީ ފާހަގަކުރައްވާފައެވެ. މެދުއިރުމަތީގެ މައްސަލައަށް، ބިނާކުރަނިވި އަދި އިންސާފުވެރި ހައްލެއް ލިބެން އޮތީ އެގޮތުގައި ކަމަށްވެސް ސައުދީގެ ރަސްގެފާނު ވަނީ ފާހަގަކުރައްވާފައެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނަށްވެސް މިނިވަން ދައުލަތެއް ކަށަވަރުވެ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ހަމަޖެހިގެން ދިއުން ކަމަށްވެސް ސައުދީގެ ސަލްމާން ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.

މެދުއިރުމައްޗަށް ސުލްހަ ގެނައުމަށްޓަކައި މަޝްވަރާގެ މޭޒުދޮށަށް އިސްރާއީލާއި ފަލަސްތީނު ހާޒިރުކޮށް، ބިނާކުރަނިވި އެއްބަސްވުމެއް އެކުލަވާލުމަށް އެމެރިކާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސައުދީއިން ބަލައިގަންނަ ކަމަށްވެސް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.

އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން، އިސްރާއީލާއި އަރަބި ގަލްފުގެ ގައުމުތަކާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތަކެއް ކޮށް، 2 ގައުމަކުން އިސްރާއީއެލު އެއްބަސްވުން އެކުލަވާލާފައިވާއިރު، މިއީ ސައުދީއިން ބަލައިގަންނަ ކަމެއްކަން ރަސްގެފާނުގެ ތަގުރީރުގައި ފާހަގަކުރައްވާފައެއް ނުވެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިހާރު ދަނީ، މިކަމުގައި ސައުދީއިން ނިންމާނެ ގޮތަކަށް އިންތިޒާރު ކުރަމުންނެވެ.