ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ އާއި ގުޅިގެން ދައުވާކުރަން ފޮނުވުމުގެ ކުރިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ މަޝްވަރާއަށް ފޮނުވާފައިފިއެވެ.

ފުލުހުން ބުނީ އަލީ ވަހީދަށް ދައުވާކުރަން ފޮނުވުމުގެ ކުރިން އެ މައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާ ކަމަށެވެ. އެ ގޮތަށް އަމަލު ކުރަނީ ތަހުގީގު މަރުހަލާގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމެއް އޮތްތޯ އިތުރަށް ބެލުމުގެ ގޮތުން ކަމަށް ނަމަވެސް އެ މަޝްވަރާތަކަށްފަހު ތަހުގީގު މުޅިން ނިންމާލެވި، އަލީގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ވަކި ތާރީހެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ މައްސަލާގައި އަލީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ވަނީ ބަޔާންވެސް ނަގާފައެވެ. އެގޮތުން އެ މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ސޯލިހް އެންގެވި ނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ރައީސް ސޯލިހަކަށް ނާރުވައެވެ. އޭނާ މަގާމުން ވަކިކުރީ ރަސްމީކޮށް އިސްތިއުފާ ނުދެއްވުމުންނެވެ. ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ. ނަމަވެސް ފަހުން ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް އަބްދުﷲ މައުސޫމް ވަނީ ހަމަޖައްސާފައެވެ.

މިއީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.