ތިން މީހުންނާ އެކު ދަތުރު ކުރި ލޯންޗެއް ވެސް ވެލައްސަރު ރިސޯޓު ކައިރީ އޮތް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އދ. ހަނިފަރުން ފުރައިގެން ކ. ތިލަފުއްޓަށް ދިއުމަށް ދަތުރު ކުރި ލޯންޗު ފަރަށް އެރި ކަމަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 7:25 ހާއިރު ކަމަށެވެ. ފަރަށް އަރާފައިވަނީ ސޮވެނާ-17 ނަމަކަށް ކިޔާ ލޯންޗެކެވެ. އަދި އެ ލޯންޗުގައި އެވަގުތު ތިް މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. އަދި މި ލޯންޗް ފަރަށް އަރަން ދިމާވި ސަބަބަކީ އެ ލޯންޗުގެ ތެޔޮ ހުސްވެ އިންޖީން ހުއްޓިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވެލައްސަރު ރިސޯޓުކައިރީ ފަރަށް މި ލޯންޗު އަރާފައިވާ އިރު މިރޭ އިރުއޮއްސުނު އިރު ކ. ކޮށްދިއްޕަރު ކައިރީ އޮތް ފަރަކަށް ވެސް ލޯންޗެއް ވަނީ އަރާފައެވެ. ކޮށްދިއްޕަރު ކައިރިން ފަރަށް އެރި ލޯންޗަކީ އެމްޓީސީސީގެ ލޯންޗެކެވެ. އަދި އެ ލޯންޗުގައި އެ ވަގުތު 26 މީހުން ތިއްބެވެ.