އިއްޔެ އިރު އޮއްސުމާ ގާތްވެފައިވާ ވަގުތެކެވެ. ސިހުން ގެނުވީ ޒުވާނެއްގެ ކުއްލި މަރާއެކުގައެވެ. ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާގެ ހަށިގަނޑު ފެނުނު ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ކުރި ރިޕޯޓާއެކުގައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ ރެސްކިއު އެންޑް ފަޔާ ފައިޓިންގް ސާވިސްގެ މެރިން ރެސްކިއު ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ، އުމުރުން 24 އަހަރުގެ ޝައްފާން ރަޝީދުގެ ވަކިވެ ދިއުމާއެކު ސޯޝަލް މީޑިއާ ފުރިގެން ދިޔައީ އޭނާގެ އެކުވެރިންނާއި ހެޔޮ އެދޭ މީހުންގެ ވާހަކަތަކުންނެވެ.
އެމްއޭސީއެލްގެ މީޑިއާއިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ޝައްފާނަކީ އާޕޯޓްގެ ފަޔާ އެންޑް ފަޔާފައިޓިން ޑިޕާޓްމަންޓްގައި އޮންނަ ސީ ރެސްކިއު އޮޕަރޭޝަންސްގައި މަސައްކަތް ކުރާތާ 5 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފެއް ކަމަށާއި އޭނާ އާ ހަވާލުކުރި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަރަށް ފުރިހަމައަށް އަދާކުރި ފަޔާ ފައިޓަރެއް ކަމަށެވެ. މީގެ އިތުރުން ޝައްފާންއަކީ ވަރަށް އެކްޓިވްކޮށް ޓްރޭނިންތަކާއި އިންޓާނަލް ކަންކަމުގައި ހަކަތްތެރިވާ މުވައްޒަފެއް ކަމަށް އެމްއޭސީއެލުން ފާހަގަ ކޮށްފައި ވެއެވެ.
ޝައްފާންގެ އެންމެ ގާތް އެއް އެކުވެރިއެއް ކަމަށްވާ މުހައްމަދު ޝިފާއުއާ ވާހަކަ ދައްކާލަން މަސައްކަތް ކުރީމެވެ. ނަމަވެސް ވާހަކަ ދައްކަން އުނދަގޫވެ، ޝައްފާން ވަކިވެ ދިއުމުން ކޮށްފައިވާ ފުން އަސަރު އަންގައިދިނީ އޭނާގެ ކުރަކި ވެފައި އަޑެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ޝައްފާންގެ ގާތް އިތުރު ރަހުމަތްތެރިއަކު "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ ޝައްފާނަކީ ސްކޫލް ދައުރުން ފެށިގެން ވަރަށް ގާތް އެކުވެރިއެއް ކަމަށާއި މަޖާ މިޒާޖެއްގެ ހިތް ހެޔޮ އެކުވެރިއެއް ކަމަށެވެ. ރައްޓެއްސަކު އެހީއަކަށް ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަ ކައިރީގައި ހުންނާނެ އެކަކަށް ޝައްފާން ވާނެ ކަމަށާ، އެއީ މައިންބަފައިންގެ ބަސްއަހާ ރަނގަޅު ދަރިއެެއް ކަމަށް އޭނާގެ އެކުވެރިއާ ކިޔައިދިނެވެ.
މީގެ އެންމެ 16 ވަރަކަށް ދުވަސް ކުރިން ޒަވާޖީ ހަޔާތުގެ ކަމަރު ބަނދެލި ޝައްފާނަކީ ފޮނި އުންމީދުތަކެއް ކުރި ޒުވާނެއް ކަމަށެވެ. ނަމަވެސް ވަކިވެގެން ގޮސްފައި ވަނީ ހީވެސް ނުކުރާހާ އަވަހަށް ކަމަށް އެކުވެރިޔާ ކިޔައިދިނެވެ. ޝައްފާނަކީ މީހަކަށް ނުލިބޭނެ ވަރުގެ ރަނގަޅު ހިތްހެޔޮ ރަހުމަތްތެރިއެއް ކަމަށް އޭނާގެ ހުރިހާ އެކުވެރިންވެސް ބުނެއެވެ.
ޝައްފާނުގެ އެކުވެރިންގެ ވާހަކަ ނިމުނީއެއް ނޫނެވެ. ހިތްފަޅައިގެންދާ ފަދަ އެތައް މެސެޖެއް އެބަހުއްޓެވެ.
"އެއީ އަހަރެމެން އެންމެ ދޫކޮށް ދިޔުމަށް ކުރި ވަދާއީ ސަލާމެއް ހެއްޔެވެ؟" މިއީވެސް ޝައްފާނުގެ އެކުވެރިއަކު ސޯޝަލް މީޑިއަށް ދޫކޮށްލި ޕޯސްޓެއްގައި ކުރި ސުވާލެކެވެ. މުހައްމަދު މާއީލުގެ ނަމުގައި ބޭނުން ކުރަމުން އަންނަ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓުގައި މި ސުވާލު ކުރިމަތި ކުރީ، ޝައްފާނާއި އޭނާއާ ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކައަށް ނިސްބަތްކޮށެވެ.
ނުހަނު ގާތް އެކުވެރިޔާ ދޫކޮށްފައި ދިޔައީ ހިތަށްވެސް ނުގެނެވޭފަދަ ފުން ހިތާމައެއް ވެރިކޮށްފައި ކަމަށާއި ދިޔައީ މާ އަވަހަށް ކަމަށް އެ ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.
ޝައްފާންއާ އެންމެ ފަހުން ދެއްކި ވާހަކަތައް ހިތުން ނުފިލާނެ ކަމަށާއި އެ ދުވަހު އޭނާގެ ބިޒީ ޝެޑިޔުލުން މިނެޓެއް، އެކުވެރިޔާއަށް ހުސްކޮށްލަ ދެވުނު ނަމައޭ މިއަދު ހިތަށް އަރާ ކަމަށް ބުނެފައި ވެއެވެ. އެދުވަހު ފޯނު ބާއްވަމުން އެންމެ ފަހު ޖުމްލަ އަކަށް ބުނި "ވަރަށް ސަލާމް" އެއީ އިވުނު އެންމެ ފަހު ބަސް ކަމަށެވެ.
އެއީ އެންމެން ދޫކޮށް ދިޔުމަށް ކުރި ވަދާއީ ސަލާމް ތޯ އާއި އެކުވެރިން ދޫ ކޮށްފައި ދިޔައީ މާ އަވަހަކަށް ނޫންތޯ އެ ޕޯސްޓްފައި ލިޔެފައި ވެއެވެ. ޝައްފާންގެ އެކުވެރިޔާ ވަނީ އެއްކޮށް ހޭދަކުރި ވަގުތުތަކާއި ކޮފީ ތަކަށް ގޮސްފައިވާ ވަގުތު ތަކުގެ ވާހަކަވެސް ދައްކާފައެވެ. ހުރިހާ ރައްޓެހިންވެސް އެދެނީ "އަދި އެއްފަހަރު ނަމަވެސް ކޮފީ އަކަށް ދައުވަތު ދިނުމަށް" ކަމަށެވެ. އެއްފަހަރު ނަމަވެސް ރައްޓެހިންނާ ބައްދަލު ކުރުމަށް ކަމަށް ބުނެ، ހިތުގެ އުދާސްތައް ބޭރު ކުރަމުން އެ ރަހުމަތްތެރިޔާ ވަނީ ޕޯސްޓް ކުރިއަށް ގެންގޮސްފައެވެ.
ޝައްފާންގެ ހިތުގައި މޫދަށް ދެވިފައި ހާއްސަ މަގާމަކީ މިއަދު ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވޭނެ ކަމެއްކަން ޔަގީނެވެ. ރަހުމަތްތެރިޔާގެ ވާހަކަވެސް ހުރީ މިފަދައިންނެވެ. މޫދަށް ދާ ހަނދާން ތަކާއި މޫދުގައި ނަގާފައިވާ ފޮޓޯ ތަކުގެ ވާހަކަ ތަކެވެ. ނަގައިދޭން ބުނި ބޯވަތައް ވެސް ބޭނުން ނުވާ ކަމަށާއި އެދެނީ އޭނާއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ކަމަށް ރަހުމަތްތެރިޔާގެ ޕޯސްޓްގައި ވެއެވެ.
އެއީ މީހަކަށް ނުލިބޭނެ ވަރުގެ ރަނގަޅު ހިތް ހެޔޮ ރަހުމަތްތެރިއެއް ކަމަށާއި ދިމާވާ ކޮންމެ މީހެއްގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިން ހެޔޮ އެކުވެރިއެއް ކަމަށެވެ.
އެންމެ ފަހުން ފޯނަށް ކޮށްލި މެސެޖަކީވެސް ރައްޓެއްސަކަށް ދެރަ ކަމެއް ވީތޯ ބެލުމަށް ކުރި މެސެޖެއް ކަމަށާ، އެ އެކުވެރިޔާގެ ހަޔާތުގައި ދިމާވި ކޮންމެ ހިތާމައެއްގައި ކައިރީގައި ހުރި އެކަކަކީ ޝައްފާން ކަމަށާއި މިއަދު ދިމާވި ހިތާމައަކީ ޝައްފާން ކައިރީގައި ނެތުން ކަމަށް އެ އެކުވެރިޔާ ބުނެފައި ވެއެވެ. ރައްޓެއްސެއްގެ މަސްއޫލިއްޔަތު ޝައްފާނަށް ވުރެ ފުރިހަމަ އަށް އަދާ ކޮށްދެވޭނެ އެއްވެސް މީހަކު ނާންނާނެ ކަމީ، ދިރިއުޅުމުގައި ޝައްފާނާ ދިމާވި ކޮންމެ މީހަކުވެސް މިއަދު ބުނާ ވާހަކައެކެވެ.