ބިނާކުރަނިވި އިސްލާހީ ބަދަލުތަކާ ނުލާ، އދއަށް އިތުބާރުގެ މައްސަލަތަކުގެ ކާރިސާއަކަށް ކުރިމަތިލާންޖެހިފައި ވާ ކަމުގެ އިންޒާރު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ދެއްވައިފިއެވެ.

އދގެ 75 ވަނަ އަހަރު އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ވީޑިއޯ މެދުވެރި ކުރައްވާ ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ، އަދުގެ ހަގީގަތްތައް ރަމްޒުކޮށްދެނިވި ބައިނަލްއަގުވާމީ އެއްބައެއްވަންތަކަމެއް ގެނުވަނިވި އިސްލާހީ ބަދަލަކަށް ދުނިޔެ ބޭނުންވެފައި ވާކަމަށާ، މި ބަދަލަކީ ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުންގެ އަޑު އިވިގެންދާ، އަދި އިންސާނިއްޔަތަށް ހެޔޮ އެދެނިވި ބަދަލުތަކަކަށް ވާންޖެހޭ ކަމަށެވެ.

އދގެ 75 އަހަރުވީ ދިގު ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވާޗުއަލް ޕްލެޓްފޯމުގައި ކުރިއަށް ގެންދާ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މޯދީ އިތުރަށް ވިދާޅުވީ، މާޒީވެފައިވާ އޮނިގަނޑެއް ބޭނުންކޮށްގެން އަދުގެ ދުނިޔޭގައި ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާ ދެކޮޅަށް ހަނގުރާމަ ކުރެވެން ނެތް ކަމަށެވެ.

އދއަށް ބިނާކުރަނިވި އިސްލާހީ ބަދަލުތަކެއް ބޭނުން ވާކަމަށް ވިދާޅުވެ، މިފަދަ ރޫހެއްގައި މޯދީ ތަގުރީރުކުރައްވާފައިވާއިރު، އިންޑިއާއިންވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ފަށާ އދގެ އެންމެ ނުފޫޒުގަދަ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުންގެ ލިސްޓުން ގޮނޑި ކަށަވަރުކޮށްފައި ކަން ފާހަގަކުރަންޖެހެއެވެ.