ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް(ޖީއެމްއައިޒެޑްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެއްކޮށްލުމަށް ސަރުކާރުން ނިންމީ މާލީ ގޮތުންނާއި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ޖީއެމްއައިޒެޑްއެލް އިން ބުނެފިއެވެ.

އެ ދެ ކުންފުނި އެއްކޮށްލިކަން ރަސްމީކޮށް އިއުލާންކުރުމަށް ގްރޭޓާ މާލެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެކުންފުންޏާއި އެޗްޑީސީ އެއްކޮށްލުމަށް ސަރުކާރުން ނިންމާފައި ވަނީ ދެ ކުންފުނި އެއްކޮށްލުމުން މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތް ކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިޔާ ތަރައްގީ ކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށެވެ.

ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތްތައް އެޗްޑީސީ އިން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށާއި އެގޮތުން، ފުރަތަމަ މަރުހަލާއެއްގެ ގޮތުން ގްރޭޓާ މާލެ ކުންފުނީގެ އެންމެހައި އެސެޓަކާއި ލައިބިލިޓީ އާއި، މުވައްޒަފުންނާއި އަދި އެންމެހައި އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހައި އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އެނިންމުމާއި ގުޅިގެން އެ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނައުމަށް އެ ކުންފުނިން އެފަރާތްތަކާއެކު މުއާމަލާތް ކުރަމުން ގެންދާނެ ކަމަށްވެސް ގްރޭޓާ މާލެ ކުންފުނިން ބުނެއެވެ.

ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލެ މެނޭޖް ކުރާ ކުންފުންޏެކެވެ.