ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައި ވާ ހާލަތުން އަރައިގަތުމުގައި އ.ދ.ގެ ދައުރާއި، އެ ޖަމުޢިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، އ.ދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ހާއްސަ ޖަލްސާގައި ދެއްވި ހިތޯބުގައެވެ.

ރައީސް ވިދާޅުވީ، މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ކަމަށާއި، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އ.ދ.ގެ ޗާޓަރު ކަމުގައެވެ. އަދި، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ އަމަލު ކުރަމުންދާ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި އެކަށައަޅާފައި ވާ އަސާސްތަކާއި އެއްމަގުން ކުރަމުންދާ މަސައްކަތްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ކަމުގައި ރާއްޖެ ފަދަ މި ބަލީގެ ނުރައްކާތެރިކަން ބޮޑެތި ގައުމުތަކަށް، އެ ގައުމުތަކުގެ އިގުތިސޯދު ނަގަހައްޓައި ސިނާއީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަގުވާމީ މުޖުމަތައުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. އަދި، މިކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ އެހެނިހެން މައްސަލަތަކާއި ކުރިމަތިލައި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ސަލާމަތީ މަޖިލީހުން ނިންމާފައި ވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެ މަޖިލީހުގެ ރިޒޮލިއުޝަން 212 ގެ ދަށުންނެވެ. ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެ މަސް ފަހުންނެވެ.

ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އ.ދ. ވުޖޫދަށް އައިސްފައިވަނީ 1945 ވަނަ އަހަރު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ސެންފްރެންސިސްކޯ ކޮންފަރެންސްގައެވެ. އަދި، އެ ޖަމްއިއްޔާގެ ޗާޓަރަށް އަމަލުކުރަން ފަށާފައި ވަނީ 1945 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.