ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކާ އެއް ސަފެއްގައި ފައިތިލަ ސާބިތު ކުރަމުން ދާ ޤައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުދި އަދި ޖަޒީރާ ޤައުމުތަކަށް ބަލާއިރުވެސް ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ އެއް ޤައުމަކީވެސް ރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ، ރާއްޖެ އ.ދ.ގެ މެންބަރަކަށް ވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޮވިޑް-19 ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެ ފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ ގައުމެއް ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ހިފަމުން ދާނެ ކަމަށެވެ.

ރާއްޖެއިން އ.ދ.ގެ މެންބަރަކަށް ވިތާ 55 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރަމުން ދަނީ އ.ދ. އަށް ވެސް 75 އަހަރު ފުރޭ މުނާސަބަތާ އެކީގައި ކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޖަމްއިއްޔާގެ ޗާޓަރަށް ރާއްޖެއިން އިޙުތިރާމު ކޮށް، އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަގުވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުން ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތުގައި އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ގައުމަކަށް، އެ ޖަމްއިއްޔާގެ މެންބަރެއްގެ ގޮތުގައި ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރެވޭނެ ކަމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގައި އެއިރު ސުވާލުތަކެއް ހުރި ނަމަވެސް، އެ ޖަމްއިއްޔާގެ މެންބަރު ގައުމެއްގެ މަގާމު ރާއްޖެއަށް ލިބިގެން ދިއުމަކީ ދިވެހިރާއްޖެއިން ޝުކުރުވެރި ވާނެ ނިންމުމެއް ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.