އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ 250 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރާ ހަވާލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ވަޑައިގަތީ ރަސްމީ އިވެންޓްތަކުގައި ބައިވެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިނިސްޓަރު ޝާހިދު ގެންދަވަނީ 14 ދުވަހުގެ ހޯމް ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވަމުން ކަމަށެވެ.

އަދި އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުން، އަމަލު ކުރަން އަންގަވާފައި އޮތް ގޮތަށް ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަޑައިގަތީ ހުއްދައާއެކު، އެއީ މުހިންމު ބައެއް ބައްދަލުވުންތަކުގަ ބައިވެރިވެވަޑައިގަތުމުގެ ހުައްދަ، އެ ހުއްދަ އަކީ އެޗްޕީއޭގަ އެދިވަޑައިގަތުމާ ގުޅިގެން އެޗްޕީއޭގެ ގައީޑްލައިންގެ ތެރެއިން ދެއްވާފަވާ ހުއްދައެއް، މިނިސްޓްރު ޝާހިދު ހުންނަވަނީ 2 ހަފްތާގެ ހޯމް ކަރަންޓީންއެއްގަ
މިއުވާން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސޯދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ 250 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރާ ހަވާލު ކުރުމަށް އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރަކަށް ފަހު، މިދިޔަ ހުކުރު ދުވަހު އެނބުރި ވަޑައިގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރައްވަމުން މިނިސްޓަރު ޝާހިދު، ރަސްމީ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެޗްޕީއޭން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް އެޗްޕީއޭންވެސް ވަނީ ކަަށަވަރު ކޮށްދީފައެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ހުއްދައެއް ކަމާއި، 14 ދުވަހުގެ ކަރަންޓީނުން ޝާހިދު އިސްތިސްނާ ވާ ގޮތެއް އެޗްޕީއޭއަކުން ނުބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެކުލަވާލައި އެޗްޕީއޭ އިން އާއްމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ހުރިހާ އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ވާން ޖެހެއެވެ. ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނު ކޮށް، ޓެސްޓްކުރާ ގޮތަށް ހެދީ ބަލި ފެތުރުން ކޮންޓްރޯލް ކުރާށެވެ. އެ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާ ފެނުނު ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.