މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އެންމެ ބޮޑު ލޮޅުމެއް އެރި އެއް ދާއިރާއަކީ މުނިފޫހިފިލުވުމުގެ ސިނާއަތެވެ. އާ އުފެއްދުންތައް ތައާރަފުކުރުން މުޅިންހެން ހުއްޓުމަކަށް އައި އިރު، ސިނާއަތުގެ ކަންކަން އަލުން ހިންގައިގަންނަން ފަށާފައިވަނީ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކުގައެވެ. މިކަމުގެ އަސަރު އެވޯޑް ޝޯތަކަށްވެސް ވަނީ ފޯރާފައެވެ.

އަހަރުގެ ބޮޑެތި އެވޯޑް ޝޯތައް ފަސްކޮށް، ނުވަތަ ކެންސަލް ކޮށްފައި ވާއިރު، މިހާރު ކުރިއަށް ރޭވިފައިވާ ޝޯތައްވެސް ކުރިއަށް ގެންދަނީ ކޮވިޑް-19ގެ އާ އާންމު ހާލަތުގެ އުސޫލުތަކާ އެއްގޮތަށެވެ. އެގޮތުން، އެންމެ އަވަހަށް ބައްދަލު ކުރާ "އެމީ އެވޯޑްސް" ހަފުލާއަށްވެސް މިކަމުގެ އަސަރު މިވަނީ ފޯރާފައެވެ.

72 ވަނަ އެމީ އެވޯޑް ހަފުލާގައި، އެވޯޑް ހާސިލު ކުރާ ބައެއް ފަރާތްތަކަށް ޓްރޮފީ ހަވާލު ކުރުމަށް ހަމަޖެހިފައި ވާއިރު، އެވޯޑް ހަވާލުކުރަން ދާ ޕްރެޒެންޓަރުން ލާނެ ހާއްސަ ހެދުމެއްވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ގިނަ ބަޔަކު އެ ޝޯއަކަށް އިންތިޒާރު ކުރަމުންދާ އެމީ އެވޯޑް ހަފުލާގެ ޕްރޮޑިއުސަރުން ވަނީ، މި ހާއްސަ ހެދުން ދައްކާލާފައެވެ.

އެވޯޑް ހާސިލުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ބައެއް ފަރާތްތަކަށް ޓްރޮފީ ހަވާލުކުރާ ޕްރެޒެންޓަރުން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ، ޓަކްސީޑޯއެއް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ހެޒްމެޓް ސޫޓެކެވެ. ހާއްސަ މުނާސަބާތަކުގައި ބޭނުން ކުރާ ޓްކްސީޑޯ އަސްލަކަށް ބަލައިގެން، އެމީއަށް ހާއްސަ ހެޒްމެޓް ސޫޓު ފަރުމާ ކުރީ މަޝްހޫރު ސްޓައިލިސްޓް ކާޓްޗާ ކައީލްއެވެ.

ޔޫޓިއުބް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރެވޭ ގޮތަށް ކުރިއަށް ގެންދާ މި ޝޯ ފަށަން ތާވަލުކޮށްފައި ވަނީ ރާއްޖެ ގަޑިން، ހޯމަ ދުވަހުގެ ފަތިހު 05:00 ގައެވެ. މި ފަހަރުގެ ޝޯވެސް ހޮސްޓް ކުރާނީ ޖިމީ ކިމެލްއެވެ.