ގދ. ގައްދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެޗްއީއޯސީން ބުނީ ޕޮޒިޓިވް ވެފައި ވަނީ އުމުރުން 46 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އެމީހާ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލުން ކަމަށެވެ.

މިއީ ގައްދޫ އިން މީހަކަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ 21 ރަށެއްގައި މިހާރު އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އަދި 18 ފަތުރުވެރިންނާއި 39 ސްޓާފުން ހިމެނޭ ގޮތަށް ރާއްޖޭގެ 27 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސް އެބައުޅެއެވެ.

ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 9568 އަށް އަރާފައި ވާއިރު 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1452 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 106 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 642 މީހަކު އެބަތިއްބެވެ.