ރާއްޖެއާއި އިންޑިއާ އާ ދެމެދު ފެރީގެ ހިދުމަތެއް ފަށައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު ފެރީގެ ހިދުމަތެއް ފެށުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓްރޭޑަށް ނުހަނު ފައިދާ ކުރާނެ ކަމަށެވެ. މިނިސްޓަރު ވަނީ އެފަދަ މަޝްރޫއުއެއް ކުރީގެ އިކޮނޮމިސްޓުންނަށް ނޭނގެނީ ކީއްވެގެންތޯ ސުވާލުވެސް އުފައްދަވާފައެވެ.
އޭގެ އިތުރުން މެގަ ސުޕާ ސްޕީޑް ޕެސެންޖާ ފެރީގެ ހިދުމަތް ފެށުމަށް ތިލަދުންމަތީގައި ހޮޓެލް ރޫމްތައް އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި 2022 ވަނަ އަހަރުގެ މެދުތެރޭގައި ކޮޓަރިތައް އިތުރުކުރެވުމަކީ އުއްމީދެއް ކަމަށް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މިމަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައި ވާއިރު އެހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކާގޯ ބޯޓު ސޫތުކުޅިން މިމަހުގެ 20 ވަނަ ދުވަހު ފުރައިގެން 22 ވަނަ ދުވަހު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށަން އޮތީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ 26 ވަނަ ދުވަހު ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.
އެގޮތުން މިހިދުމަތް ފެށުމާއެކު ކޮންމެ މަހަކު ދެ ތިން ދަތުރު ކުރަން ރާވާފައިވާ ކަމަށް ވެސް ރިޕޯޓުގައެވެ.
އެކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ މި މަހު ފަހުކޮޅު އެ ހިދުމަތް ފަށާނެ ކަމަށާއި ނަމަވެސް، ތާރީހު ރަސްމީކޮށް އަދި އިއުލާނު ނުކުރާ ކަމަށެވެ.
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ރާއްޖެ އަށް އަންނަ ފުރަތަމަ ބޯޓުގައި ގެނުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރިކް މެޝިނަރީ އާއި ފަރުނީޗަރާއި ބޭހުގެ ބާވަތްތަކާއި ކާބޯތަކެއްޗެވެ.