ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ މީހަކާ އެކީ އެއްތާ (ކޮންޓެކްޓް) ވެފައިވާ ހުރިހާ އެންމެންވެސް އެ ބައްޔަށް ޓެސްޓު ކުރަން ޖެހޭ ގޮތަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން، ގައިޑްލައިން އިސްލާހުކޮށްފިއެވެ.

ކޮންޓެކްޓަކަށް ވީ ނަމަވެސް، ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ، ކޮވިޑް-19އަށް ޓެސްޓު ކުރަން ނުޖެހޭ ގޮތަށް ސީޑީސީއިން ދާދި ފަހުން (އޯގަސްޓް މަހު) އާންމު ކުރި އިސްލާހަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. ނަމަވެސް، އެކަން މުރާޖައާކޮށް، އިހު އޮތް ގޮތަށް، ހުރިހާ ކޮންޓެކްޓުންވެސް ކޮވިޑް-19އަށް ޓެސްޓު ކުރާ ގޮތަށް ސީޑީސީއިން މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

ސީޑީސީގެ ގައިޑްލައިނަށް ގެނައި ބަދަލާ ގުޅިގެން އެ މުއައްސަސާއިން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ބަދަލަކީ، ސައެންސްވެރިންގެ ލަފާ މަތިން ގެނައި ބަދަލެއް ނޫން ކަމަށެވެ. އަދި ސީޑީސީގެ ވެބްސައިޓްގައި އޯގަސްޓް މަހުގެ ގައިޑްލައިން އާންމު ކުރީ، ތަޖުރިބާކާރުން ދެކޮޅު ހަދަމުން ދަނިކޮށް ކަމަށްވެސް މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އޯގަސްޓް މަހުގެ "އިސްލާހަކީ" ނޮވެމްބަރު މަހަށް ބޯމަތިވެފައިވާ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުންކުރެއްވި ހަތިޔާރެކޭވެސް ބުނެވެއެވެ. އެގޮތުން ޓެސްޓު ކުރުން މަޑުޖައްސާލުމުން، ކޭސް ނަމްބަރު ދަށްވެ، ހާލަތު ކޮންޓްރޯލް ވި ކަމަށް ސިފަވެގެންދާނެއެވެ. ޖޫން މަހުވެސް ޓްރަމްޕް ވަނީ ޓެސްޓު ކުރުން މަޑުޖައްސާލުމަށް ގޮވާލައްވާފައެވެ. ނަމަވެސް އެއީ ސީރިއަސްކޮށް ޓްރަމްޕް ކުރެއްވި އިޝާރާތެއް ނޫން ކަމަށް ވައިޓްހައުސްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ސީޑީސީގެ ޓެސްޓު ގައިޑްލައިނަށް އޯގަސްޓް މަހު ގެނައި ބަދަލު އިސްލާހުކޮށް، ސީޑީސީއިން އާންމުކުރި އޯވާވިއު ރިޕޯޓްގައި ބުނެފައިވަނީ، އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހުންގެ ކޭސްތަކުގެ މުހިންމު ކަމަށާ، ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ ކުރިންވެސް އެހެން މީހުންނަށް ބަލި ފަތުރާތީ، ކޮވިޑް-19 އަށް ކަށަވަރުވެފައިވާ ކޭސްއަކާ ކޮންޓެކްޓް ވެފައިވާ ހުރިހާ އެންމެންވެސް މި ބައްޔަށް ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން ޕޮޒިޓިވް ކޭސްއަކާ 6 ފޫޓު ގާތުން ބައްދަލުވެ، 15 މިނެޓް ހޭދަކޮށްފައިވާ ކޮންމެ މީހަކުވެސް، އަލާމާތްތައް ނެތަސް، ކޮވިޑް-19އަށް ޓެސްޓު ކުރާ ގޮތަށް ސީޑީސީއިން ވަނީ ކަނޑައަޅާފައެވެ.

ތަޖުރިބާކާރުން ވަނީ މި އިސްލާހަށް މަރުހަބާ ކިއާފައެވެ.