އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާވެގެން ދިއުމަކީ އެސަރައްހައްދުގެ ކޮންމެ ރައްޔިތެއްގެ ވެސް ހުވަފެނެއްކަން ޔަގީނެވެ. އެހުވަފެން މިހާރު ހަގީގަތަކަށް ވެފައި ވާއިރު މާލެ ނައިސް އައްޑޫ އިން ރަނގަޅު ބޭސް ފަރުވާގެ ހިދުމަތް ލިބިގެން ދިއުމަކީ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ އޮފިސާ ސާފީ މުހައްމަދު ވިދާޅުވީ ކުރިން ހިދުމަތް ދެމުން ދިޔަ ހޮސްޕިޓަލުގެ ހިދުމަތްތައް އެހޮސްޕިޓަލަށް ބަދަލުކުރުމާއެކު ވަރަށް ގިނަ ބަޔަކު އެހޮސްޕިޓަލުން ހިދުމަތް ހޯދަމުންދާ ކަމަށެވެ. އަދި ބޭސް ފަރުވާއަށް މާލޭ ދާ މިންވަރު ވެސް މަދުކަން ސާފީ ވަނީ ފާހަގަ ކުރައްވާފައެވެ.

ވަކި ވަކި ހިދުމަތްތަކުގެ ވާހަކަ ދައްކަވަމުން ސާފީ ވިދާޅުވީ އެމްއާރްއޭ އަދި ސީޓީ ސްކޭން ހިދުމަތަށް މީގެ ކުރިން މާލެ ދާން ޖެހުނު ނަމަވެސް މިހާރު އެހޮސްޕިޓަލުން އެހިދުމަތް ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރުން މާލެ ފިޔަވާ ސްޕީޗް ތެރަޕީގެ ހިދުމަތް ވެސް ހަމައެކަނި ލިބެނީ އެ ހޮސްޕިޓަލުންކަން ސާފީ ވަނީ ފާހަގަ ކުރައްވާފައެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލް

ސަރަހައްދުގެ ރައްޔިތުންނަށް އެހޮސްޕިޓަލްގެ ސަބަބުން ލިބޭ ފައިދާތަކުގެ ތެރޭގައި މާލެއަށް ރިފާ ކުރެވޭ މިންވަރު މަދުވެ، ރައްޔިތުންގެ ޖީބުން ކުރަންޖެހޭ ހޭދަ ކުޑަވެގެން ދެއެވެ. އޭގެ އިތުރުން ސްޕެސަލިޓީ ޑޮކުޓަރުން އިތުރު ވެފައިވުމުން އެކަމާ ގުޅޭ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ވެސް ހަމަޖެހިގެން އެބަދެއެވެ.

އޭގެ އިތުރުން ބޭސްފަރުވާއަށް މާލެދާން ޖެހޭ މިންވަރާއި އެކަމަށް ކުރާ ހަރަދު ކުޑަވުމަކީ ވެސް އެސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާ ފަސޭހައެކެވެ.

އެހޮސްޕިޓަލުގައި މިހާރު ދެމުން އަންނަ އާ ހިދުމްތަތަކުގެ ތެރޭގައި ކާޑިއޮލޮޖީ ގެ ހިދުމަތާއި ސްޕީޗް ތެރެޕީ އާއި ސީޓީ ސްކޭންގެ ހިދުމަތާއި އެމްއާރްއައިގެ ހިދުމަތާއި އިންހައުސް ފާމަސީގެ ހިދުމަތާއި ލެބޯޓްރީގައި ހިސްޓޯޕެތޯލޮޖީ ގެ ހިދުމަތުގެ އިތުރުން އެކޯ ކާޑިއޯގްރަފީ ގެ ހިދުމަތާއި ޓްރެޑްމިލް ޓެސްޓް ގެ ހިދުމަތާއި ހޯލްޓާ މޮނިޓަރިންގެ ހިދުމަތާއި އީއެމްޖީ އަދި އީއީޖީ ގެ ހިދުމަތް ހިމެނެއެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލް

އޭގެ އިތުރުން ސެންޓްރަލް މެޑިކަލް ސަޕްލައިގެ ހިދުމަތާއި ބްރޮންކޯސްކޯޕީގެ ހިދުމަތަކާއި ކޮލޮނަސްކޯޕީ އަދި އެންޑޮސްކޯޕީގެ ހިދުމަތް ހިމެނެއެވެ.

އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ އާ މެޑިކަލް މެޝިނަރީ ތަކުގެ ތެރޭގައި އެމްއާރު އައި، އެކްސްރޭ، ސީޓީ ސްކޭން، އީއެންޓީ އިކުއިޕްމަންޓްސް، އިކޯ މެޝިން، ޓީ.އެމް.ޓީ. މެޝިން، ހޯލްޓާ މެޝިން، ބްރޮންކޯސްކޯޕް، ކޮލޮނަސްކޯޕް، އެންޑޮސްކޯޕް ތިއޭޓާ އިންސްޓްރޫމަންޓްސްތަކުގެ އިތުރުން ޕްލާސްމާ ސްޓެރިލައިޒާ، ޑަބަލް ޑޯ އޯޓަކްލޭވް، ސި.އެސް.އެސް.ޑީ ޑްރަޔާ އަދި ލޯންޑަރީ މެޝިން، އަޔަން، ޑްރަޔާ ހިމެނެއެވެ.

އެ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން ނަރުހުންގެ ތެރޭގައި ބޭރުގެ 13 ނަރުހުންނާއި ދިވެހި 3 ނަރުހުން އަދި 4 ކޮންޓްރެކްޓް ނަރުހުން ހިމެނެއެވެ.

އޭގެ އިތުރުން ދާއިމީ ދިވެހި 2 މެޑިކަލް އޮފިސަރުންނާއި ބޭރުގެ 2 މެޑިކަލް އޮފިސަރުން އަދި 1 ކޮންޓްރެކްޓް މެޑިކަލް އޮފިސާ ހިމެނެއެވެ. އަދި ހަމައެހެންމެ ސްޕެޝަލިސްޓް 9 ޑޮކްޓަރުންނާއި 5 ފާމަސީ އެސިސްޓަންޓް، 1 ފާމަސިސްޓް، 1 ބަޔޯމެޑިކަލް އިންޖިނިއާ އަދި 1 ސުޕާ ސްޕެޝަލިސްޓް (ކާޑިއޯލޮޖިސްޓް) ހިމެނެއެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލް

މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރައްވާ، އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ސާފު ކުރައްވާފައެވެ.

އެގޮތުން ހޮސްޕިޓަލުގެ އިސްވެރިންވަނީ، ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަވެސް އެ ތަކެތި ބޭނުންކުރުމުގެ ފަންނީ ގާބިލުކަން ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުކަމާއި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ.

އެ ކަންކަމުގެ ސަބަބުން ހިދުމަތްތައް ދިނުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ހޮސްޕިޓަލަށް ބޭނުންވާ ތަފާތު ބޭސްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

ނައިބު ރައީސް ފައިސަލް ވަނީ މި ވަގުތު ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދީގެން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އޭގެ އިތުރުން، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، އަވަހަށް ހައްލުކުރަން ޖެހޭ ކަންކަމާއިމެދު ކަމާއިގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ތަރައްގިވެގެން ދިއުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުން މަދުކުރެވިގެންދާނެ ކަމުގެ އުންމީދު އޮތްކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއިއެކު، އެ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން، އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ކަމާއިގުޅުންހުރި އިދާރާތަކުގެ އިސްބޭފުޅުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ ސަރަހައްދުގައި ހުރި އެންމެ ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނުގެ ގޮތުގައި ހުރުމަކީ އެސަރަހައްދުގެ ރައްޔިތުން އެންމެ ބޭނުންވާނެ އެއް ކަމެވެ. އެގޮތުން އައްޑޫ ކައިރި ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން ސިއްހީ ފަރުވާ ހޯދަން މާލެއަށް ދިއުމުގެ ބަދަލުގައި، އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް މަގު ފަހިވެގެން ދިއުމަކީ ސިއްހީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.