ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ “ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު”، ގާނޫނު ނަމްބަރު (2012/3)ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓާ ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް މިނިސްޓްރީން ކަނޑައަޅައިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާއެވެ.

އެ މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭ ވަސީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއާ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.